ބޮޑުކަންނެލީގެ މަސްވެރިކަމުގެ ސިނާއަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ސަރުކާރުތައް ވަނީ ނުކުޅެދިފައި ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ބުނެފި އެވެ.
އެ ޔޫނިއަން އިން ނެރުނު ބަޔާނެއްގައި ބުނީ އެ ސިނާއަތް ދުވަހުން ދުވަހަށް ދަށަށް ގޮސް، ނެތިހިނގައިދާނެ ކަމުގެ ބިރު މިހާރުހީވެފައިވާ ކަމަށެވެ.
ތެލުގެ އަގު އިންތިހާއަށް ބޮޑުކަމުން ޚަރަދުވަނީ އެތައްތަނަކުން އިތުރުވެފައި ކަމަށާއި މަސްވެރިންނަށް ސަރުކާރުން އުތުރާއި ދެކުނުގައި ކަނޑައަޅާފައިވާ ސަބްސިޑީ ތެޔޮ މާލެ ސަރަހައްދުން ނުލިބޭތީ ކަންނެލި މަސްވެރިން ތެޔޮއަޅަން ދާންޖެހެނީ އެންމެބޮޑު އަގުގައި ކަން ވެސް އެ ޔޫނިއަންއިން ވަނީ ފާހަގަކޮށްފަ އެވެ.
އެކަން ހައްލުކޮށްދިނުމަށް ތަކުރާރުކޮށް އެދުމުން ވެސް މިިހައިތަނަށް ދިނީ ބީރު ކަންފަތެއް ކަމަށާއި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވިޔަސް ރާއްޖެއިން ތެޔޮލިޞޭ އަގު ދަށް ނުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް އެ ޔޫނިއަން އިން ބުނެފައި ވެއެވެ. އަދި އައިސް ލިބުން ދަތިވެފައިވާ ނި ދަނޑިވަޅުގައި ދަރަނިން ސަލާމަތް ނުވެވިފައިވާ ފެނަކަ ކޯޕަޜޭޝަނާއި މިފްކޯގެ އައިސް ޕްލާންޓުތައް ހަވާލުކުރުމަކީ ބުއްދީގެ ހަމަތަކުން ބަލާއިރު ވެސް އޭގެ ނުރަނގަޅޫ އަސަރު މަސްވެރިންނަށް ކުރާނެ ކަމެއް ކަމަށް ވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން އެކަމުގެ ސަބަބުން އައިސްގެ އަގު ބޮޑުވެ، ކިޔޫގައި ތިބެންޖެހޭ ދުވަސްތައް އިތުރުވާނެ ކަމެއްކަމުން އެ ނިންމުން ބަދަލުކޮށް އަލުން މިފްކޯ އާ ހަވާލު ކުރުމަށް ވެސް އެ ޔޫނިއަން އިން ގޮވާލާފައި ވެއެވެ.
"ބޮޑުކަންނެލީގެ މަސްވެރިކަމުގެ ސިނާއަތު ހަރުދަނާގޮތެއްގައި ކުރިއަށްދިއުމަށް އަދުގެ ހާލަަތަށް ބަލާއިރު، ސަރުކާރުގެ އަޅާލުމެއް ނެތް އިރު، ކަންނެލި ގަންނަފަރާތްތަކުގެ ހާލަތު ރަނގަޅުވުމަކީ ވެސް މުހިންމު ކަމެއް ކަމުގައި މި ޖަމިއްޔާއިން ދެކެމެވެ. ނަމަވެސް ސަރުކާރުގެ އެއްބާރުލުން ނުލިބި ކަންނެލި ގަންނަ ކުންފުނިތަކަށް ކަންނެލި ގަނެވޭ މިންވަރު ދަށްވެ، ކަންނެލި ނުކިރި ކިޔޫގައި އެތައްދުވަހަކު ތިބެންޖެހޭ ހާލަތަށް މިއަދު މިވަނީ ގޮސްފ އެވެ." ބީކޭއެމްޔޫ އިން ބުނެފައި ވެއެވެ.
އެ ޖަމިއްޔާއިން އިތުރަށް ބުނީ ކިރާ ކަންނެއްޔަށް ދުވަހުން ދުވަހަށް ފައިސާ ނުލިބޭ ކަމީ އެ ޖަމިއްޔާއިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
އެ ޖަމިއްޔާއިން ވަނީ މި ސިނާއަތު ސަލާމަތްކުރުމަށް ސަރުކާރުގެ ޒިންމާ ނުހަނުބޮޑުއިރު، ވަރިހަމަވެގެން ނުތިބުމަށް ގޮވާލާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!