ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ގެ މައްޗަށް ކުރާ ދައުވާގައި، ޑްރަގް ފެނުނު ފަންކާ ބޯޓާ ހަމައަށް ގެންދިޔައީ އޭނާ ކަން ނޭނގޭ ކަމަށް ދައުލަތުގެ ހެކިވެރިއަކު ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.
ޕެސްޓާއި އިތުރު ތިން މީހަކަށް ދައުވާ ކުރަނީ މިދިޔަ އަހަރުގެ ކުރީކޮޅު އޭނާ އާއި އިތުރު މީހަކު ބައިވެރިވެގެން ފަންކާއެއްގެ ތެރޭގައި ޑްރަގް ފޮރުވައިގެން ބޯޓަކަށް އެރުވި ކަމަށާއި އަދި މާލޭގެ އެހެން ބައެއް ގެތަކުގައި ޑްރަގް ގެންގުޅެ، އޭގެ ވިޔަފާރިކޮށްގެން ހޯދި ފައިސާ ގެންގުޅުނު ކަމަށް ބުނެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދިނީ ޑްރަގް ފޮރުވާފައި ހުރި ފަންކާ ހިފައިގެން ނޯތު ހާބަރުގައި އޮތް ބޯޓާ ހަމައަށް ދިޔަ ޕިކަޕުގެ ޑްރައިވަރެވެ. އޭނާ ބުނިގޮތުގައި ބުރުޒުމަގުން ދުއްވާފައި ވަނިކޮށް ދެ މީހަކު އަތް ނެގުމުން ޕިކަޕު މަޑުކުރުމުން ފަންކާއެއް ގެންގޮސްދޭން އެ މީހުން އެދުނެވެ.
ފަންކާ ޕިކަޕަށް އެރުވުމަށްފަހު އެ ދެ މީހުން ދިޔައީ ސައިކަލުގައި ޕިކަޕު ފަހަތުން ކަމަށާއި އަދި ނޯތު ހާބަރަށް ފަންކާ ބޭލުމުން އޭގެ ތެރެއިން އެކަކު ފައިސާ ދިން ކަމަށް އެ މީހާ ބުންޏެވެ. އެކަމަކު އެއީ ކޮން ބައެއްކަން އޭނާއަށް ނޭނގޭ ކަމަށް ބުންޏެވެ.
އޭނާ ބުނިގޮތުގައި ފަންކާ އެރުވި މީހާ ކަމަށް ބުނެ ފުލުހުންގެ ތަހުގީގުގައި، އިސްތަށިގަނޑު ދިގު މީހެއްގެ ފޮޓޯ ދެއްކި އެވެ. އެއީ އަސްލު މީހާކަން ޔަގީންނުވާ ކަމަށް އޭނާ ބުންޏެވެ. ފުލުހުން ދެއްކީ ކާކުގެ ފޮޓޯއެއް ކަމެއް އޭނާ ނުބުނެ އެވެ.
މަސްތުވާތަކެތި ތަހުލީލުކުރި ފުލުސް މީހާގެ ހެކިބަސް ވެސް މިއަދު ނެގި އެވެ. އެ މައްސަލާގައި މިހާރު ކުރިއަށް ދަނީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމެވެ.
ޕެސްޓްގެ މައްޗަށް އެ ދައުވާތައް ސާބިތުވެއްޖެނަމަ، 50 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!