ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޝަރީއަތުގެ އަޑު އެހުމެއް ކްރިމިނަލް ކޯޓުގައި މާދަމާ ބާއްވަން ތާވަލުކޮށްފި އެވެ.

މި އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 9:30 އަށެވެ.

Ad
rt

އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ވަނީ އުފުލާފަ އެވެ.

މި މައްސަލައިގައި ދެން ދައުވާ ލިބެނީ ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު، ޔޫސުފް ނައީމްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އެވެ.

މިމައްސަލައިގައި ދިފާއުން ހުށަހަޅާ ހެކިންގެ ހެކިބަސް ނެގުން މިހާރު ކުރިއަށްދާއިރު، މާދަމާގެ އަޑުއެހުމުގައި ވެސް އޮންނާނީ ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ދިފާއީ ހެއްކެއްގެ ހެކިބަސްނެގުމެވެ.

މިމައްސަލާގައި މިހައިތަނަށް ދިފާއީ ހެކިންގެ ގޮތުގައި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް އާއި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް އާއި ރައްޔިތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) އަދި ރައީސް ޔާމީންގެ ޑްރައިވަރު ރަޝީދުގެ ހެކިބަސް ވަނީ ނަގާފަ އެވެ.

ނަރީޝްގެ ހެކިބަސް ނަގާފައިވަނީ މި ސެޕްޓެމްބަރ މަހުގެ 10 ވަނަ ދުވަހު އެވެ. އެ ދުވަހު ނަރީޝް ވިދާޅުވެފައިވަނީ ރައީސް ޔާމީން ހަވާލުކުރެއްވި ފައިސާ، ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް ހަވާލުކުރެއްވުމަށް އޭނާ އާ އެކު އަބްދުﷲ ރަޝީދު ދިޔަ ކަމަށެވެ. އަދި އެދުވަހުގެ އަޑުއެހުމުގައި އެކަމަށް އެއްބަސްވެ، އަބްދުﷲ ރަޝީދު ބުނީ، ރައީސް ޔާމީން އޭރު ދިރިއުޅުއްވި ގ. ދޫވެއްސަށް ދިޔައިރު، އެ ގޭގެ ސިޓިން ރޫމުގައި ބަހައްޓާފައި ހުރި ދެ ދަބަހެއްގައި އެ ފައިސާ ހުރިކަމަށެވެ.

ރައީސް ޔާމީން ހަވާލުކުރެއްވި އެއް މިލިއަން ރުފިޔާ ޔޫސުފް ނައީމާ ހަވާލުކުރި މީހުންގެ ތެރެއިން އެކަކީ އަބްދުﷲ ރަޝީދު ކަމަށް ބުނެ، އޭނާ ބުނީ އެ ފައިސާ ހަވާލުކުރުމުން، ފައިސާ ލިބުނު ކަމުގެ ލިޔުމުގައި ޔޫސުފް ނައީމް ވަގުތުން ސޮއިކުރެއްވި ކަމަށެވެ. އަދި އެ ފައިސާ ހަވާލުކުރީ ކަޅު ދަބަހެއްގައި ކަމަށާއި އެ ފައިސާ އުފުލީ ނަރީޝް އާ އެއްކޮށް ކަމަށް ވެސް އަބްދުﷲ ރަޝީދު އެދުވަހު ވަނީ ބުނެފަ އެވެ.

ރައީސް ޔާމީން ޑޮލަރު ބައްލަވައިގަންނަން ޔޫސުފް ނައީމާ މުއާމަލާތްކުރެއްވިކަން ސާބިތުކޮށްދޭން ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް އާއި ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝާހިދު ވެސް ވަނީ ހެކިބަސް ދީފަ އެވެ.

ރައީސް ޔާމީނަށް އެއް މިލިއަން ޑޮލަރު ވިއްކި ކަމަށް ޝަރީއަތުގައި ޔޫސުފް ނައީމް ވިދާޅުވެފައި ވެއެވެ.

ދިފާއުން ހުށަހެޅި ހެކިތަކަށް ބަލާއިރު، ޝާހިދު ވިދާޅުވެފައި ވަނީ ޑޮލަރު ވިއްކާނެ މީހަކު ހޯދަން ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލަށް ރައީސް ޔާމީން 2015 ވަނަ އަހަރު ގުޅުއްވި ކަމަށާއި އެގޮތަށް ރައީސް ޔާމީން އެދިވަޑައިގަތުމުން އޭނާ ހުންނެވި ތަނެއްގައި ޔޫސުފް ނައީމަށް މުހައްމަދު އިސްމާއިލް ގުޅުއްވި ކަމަށް ޝާހިދު (ޝާޑު) ވަނީ ހެކިބަސް ދެއްވާފަ އެވެ. އަދި ޑޮލަރު ވިއްކަން އެދުނު ކަމަށާއި ނަމަވެސް ޑޮލަރުގެ މުއާމަލާތް ހިނގި ތާރީހު ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އެއީ 2015 ވަނަ އަހަރުގެ ފަހުކޮޅު ހިނގި ކަމެއް ކަމަށް ޝާހިދު ވިދާޅުވެފައި ވެއެވެ.

ޝާހިދު މިހެން ވިދާޅުވެފައިވާ އިރު، މުހައްމަދު އިސްމާއިލް ވެސް ހެކިބަސް ދެއްވަމުން ވިދާޅުވެފައި ވަނީ ޔޫސުފް ނައީމަށް ގުޅައިގެން ޑޮލަރު ވިއްކަން އެދިވަޑައިގެންފައި ވާނެ ކަމަށެވެ.