ރާއްޖޭގައި ދިރިއުޅޭ މީހުންގެ މައުލޫމާތު އެއްކުރުމަށް ފަށާފައިވާ ބޯހިމެނުމުގެ މަސައްކަތުގައި އަތޮޅުތެރޭގެ ބޯހިމެނުމުގެ މަސައްކަތް ނިމުމަކާ ގާތަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމް ގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސްޓެޓިސްޓިކަލް އޮފިސަރ ހުދާ ހަލީމް ވިދާޅުވީ އަތޮޅުތެރޭގެ 99 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި އެ މަސައްކަަތަށް ކައުންސިލްތަކާއި އާންމު ރައްޔިތުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބިގެން ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މައުލޫމާތުތައް ނަގާފައިވަނީ ޓެބްލެޓް ތަކުގައި ކަމަށްވާތީ، ޓެބްލެޓްތައް މާލެ ގެނެސް މައުލޫމާތުތައް އެއްކުރުމުގެ މަސައްކަތް މިހާރުކުރަމުން އަންނަކަމަށެވެ.
ބޯހިމެނުމުގައި މިހައިތަނަށް ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ މާލެ ސަރަހައްދުން އެ މައުލޫމާތު އެއްކުރުންކަން ފާހަގަ ކުރައްވާ ހުދާ ވަނީ ކުރިއަށް އޮތް ހަތަރު ދުވަހުގެ ތެރޭގައި ވެސް މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ މައުލޫމާތުތައް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އިލްތިމާސް ކުރައްވާފަ އެވެ.
ބޯހިމެނުމުގެ މަސައްކަތަކީ ޤައުމީ ތަރައްޤީއާއި ސީދާގުޅުންހުރި މުހިއްމު މަސައްކަތެކެވެ. ބޯހިމެނުމުގެ މަސައްކަތް މިމަހުގެ 13 ވަނަ ދުވަހު ފަށާފައިވާއިރު މަސައްކަތް ނިންމުމަށް އަމާޒު ހިފާފައިވަނީ މިމަހުގެ 27 ވަނަ ދުވަހަށެެވެ. ބޯހިމެނުމުގެ މަސައްކަތުގައި މިހާތަނަށް ކުރެވުނު މަސައްކަތްތަކުން އަތޮޅުތެރޭގެ ރަށްތަކުގައި ދިރިއުޅޭ މީހުންގެ ބޯހިމެނުމުގެ 99 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.
މާލެ އާއި ހުޅުމާލެ ސަރަހައްދުގައި ބޯހިމެނުމުގެ މުއްދަތު މިހާރުވަނީ މިމަހުގެ 27 ވަނަ ދުވަހަށް އިތުރުކޮށްފަ އެވެ. ކުރިން އޮތީ މި މަހުގެ 25 ވަނަ ދުވަހަށް ނިންމާގޮތަށެވެ.
ބޯހިމެނުމުގެ މަސައްކަތް ކުރަމުން އަންނަނީ ކޮންމެ 10 އަހަރަކުން އެއްއަހަރު އެވެ. މިއީ ޤައުމުގެ ޙާލަތު ވަޒަންކޮށް ކުރިމަގުގައި ކުރިއަށްގެންދާ މަޝްރޫޢުތައް ޕްލޭންކުރުމަށް މަގުފަހިކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ ޤައުމީ ތަރައްޤީގެ މަސައްކަތެކެވެ.
މީގެ ދަށުން ގޭބިސީތަކުގައި ދިރިއުޅޭ މީހުންގެ މަޢުލޫމާތާއި ދިރިއުޅުމުގެ ޙާލަތު ދެނެގަތުމަށް މަސައްކަތްކުރާއިރު، އެހެން ފަހަރުތަކާއި ޚިލާފަށް ވިޔަފާރިތަކާއި މަސައްކަތްކުރާ އިދާރާތަކުގެ މަޢުލޫމާތު ވެސް މިއަހަރު ދަނީ އެއްކުރަމުން ނެވެ.
މި މަސައްކަތުގައި ރައްޔިތުންގެ ފަރާތުން މިހާތަނަށް ވެސް ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބެމުންދާކަން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ފާހަގަކުރެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!