އެއް ޖިންސުން ގުޅުން ހިންގި ފުލުސް މީހާ، އަބްދުއްރަހުމާން ރަފީއު އެއް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އަލަމްގިރިއާ އެކު ޖިންސީ ގުޅުން ހިންގި ފުލުސް މީހާ ޖަލަށްލާން ކޯޓުން ހުކުމްކުރީ އޭނާ ކުށަށް އިއުތިރާފްވުމުންނެވެ. އޭނާ އެއް އަހަރާއި އެއް މަހާއި 28 ދުވަހަށް ޖަލަށްލާން ކޯޓުން ހުކުމް ކުރިޔަސް، ބަންދުގައި ހޭދަކުރި މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރަން ޖެހޭނެ އެވެ.
އަލަމްގިރިއާ އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި ވަކީލް ނާޒިމް ސައްތާރުގެ މައްޗަށް ތިން މަހާއި 26 ދުވަހުގެ ގޭ ބަންދުގެ ހުކުމެއް ކުރިން އިއްވި އެވެ. އަދި އަލަމްގިރިގެ މައްޗަށް އިއްވީ ހަތް މަހުގެ ޖަލު ހުކުމެކެވެ.
އަލަމްގިރިއާ އެކު ގިނަ ބަޔަކު ޖިންސީ ގުޅުން ހިންގި އެވެ. އޭގެ ތެރެއިން މިހާތަނަށް ދައުވާކުރީ އަބްދުއްރަހްމާނާއި ނާޒިމާއި މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ މައްޗަށް އެކަންޏެވެ.
ނަޝީދުގެ މައްސަލާގެ ޝަރީއަތް އަދި ނުފަށަ އެވެ.
އެއްޖިންސުން ގުޅުން ހިންގުމަކީ، ﷲގެ ކޯފާ އާއި އަޒާބު މި ދުނިޔެމަތީގައި އަތުވެދާނެ ފަދަ ނުބައި ޢަމަލެކެވެ. އެއްޖިންސުން ގުޅުން ހިންގުމަކީ ބޮޑެތި ފާފައިގެ ތެރޭގައި ހިމެނޭ ހުތުރުކަން ބޮޑު ފާފައެކެވެ.
އެއް ޖިންސުން ގުޅުން ހިންގުމަކީ އިސްލާމީ ޝަރީއަތާއި ދިވެހިރާއްޖޭގެ ޤާނޫނުގެ ދަށުން ވެސް ކުށެކެވެ. ކުރިން މިފަދަ ކުށްތަކަށް ރާއްޖޭގެ ގާނޫނުން އޮތް އަދަބަށް ވުރެ މިހާރު ހުރި އަދަބުތައް ބޮޑެވެ. އަދި ގާނޫނު އޮތްގޮތުން މަރުގެ އަދަބު ވެސް މިހާރު އެކަމަށް ދެވިދާނެ އެވެ.
އިސްލާމީ ޝަރީއަތުގެ ދަށުން ބަލާއިރު އެއް ޖިންސުން ގުޅުން ހިންގުމުގެ އަދަބަކީ މެރުން ނުވަތަ ރަޖަމު ކުރުމެވެ. އެހެނީ، ކީރިތި ރަސޫލާގެ ހަދީސް ބަސްފުޅެއްގައިވެ އެވެ.
"ލޫތުގެފާނުގެ ގައުމުގެ މީހުން ކުޅަ އަމަލެއް ކުރަނިކޮށް ތިޔަބައިމީހުންނަށް ފެނިއްޖެ ނަމަ، މަތީގައި އޮތް މީހާ އާއި ދަށުގައި އޮތް މީހާ ގަތުލުކުރާ ހުށިކަމެވެ."
މި ހަދީސް ބަސްފުޅުގައި، ލޫތުގެފާނުގެ ގައުމުގެ މީހުންނަށް ނިސްބަތް ކުރައްވާފައި އެވަނީ އެ ގައުމުގެ މީހުންނަކީ އެއް ޖިންސުން ގުޅުން ހިންގުމުގެ ސަބަބުން މާތްﷲ ގެ ކޯފާއާ ކުރިމަތިވި ބަޔަކަށް ވާތީ އެވެ. އެހެންކަމުން އެއް ޖިންސުން ގުޅުން ހިންގުމުގެ އަދަބަކީ މެރުން ކަން ހަދީސް ބަސްފުޅުން ސާބިތުވެ އެވެ.
ލިވާޠު ކުރުމަކީ ޒިނޭ އަށްވުރެވެސް ފާޙިޝްކަން ބޮޑު ކަމެކެވެ. އެހެނީ ޒިނޭ އަކީ އެކަމުގައި ކުރެވޭ ކަންތައް ޢަގްދުކޮށްގެން ހުއްދަގޮތުގައި ކުރެވިދާނެ ކަމެކެވެ. ނަމަވެސް، ލިވާޠު ހުއްދަ ކުރެވޭނެ ހަމައެއްވެސް ގޮތެއް ނޯވެއެވެ. އަދި އިންސާނުންގެ ބުއްދިންވެސް ބަލައިގަނެވޭނެ ކަމަކަށް އެކަން ނުވެއެވެ.
ލޫޠު ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް ވިދާޅުވިއެވެ.
( وَلُوطًا إِذْ قَالَ لِقَوْمِهِ أَتَأْتُونَ الْفَاحِشَةَ مَا سَبَقَكُم بِهَا مِنْ أَحَدٍ مِّنَ الْعَالَمِينَ ﴿٨٠﴾ إِنَّكُمْ لَتَأْتُونَ الرِّجَالَ شَهْوَةً مِّن دُونِ النِّسَاءِ ۚ بَلْ أَنتُمْ قَوْمٌ مُّسْرِفُونَ ﴿٨١﴾ ) މާނައަކީ:
“ އަދި لوط ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުންގެ ކުރިން، عالم ތަކުގެ ތެރެއިން އެކަކުވެސް ކޮށްފައިނުވާ فاحش عمل ތިޔަބައިމީހުން ކުރަނީހެއްޔެވެ؟ ހަމަކަށަވަރުން، ތިޔަބައިމީހުން شهوانى ގޮތުން، އަންހެނުން ދޫކޮށް، ފިރިހެނުންނާ ގާތްވަމުއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންނީ (ފާފަކުރުމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކީމުއެވެ.“
ސަލާމް ލެއްވި ލޫތުގެފާނުގެ ޤައުމުގެ މީހުން ހަލާކު ކުރެއްވީ އެއްޖިންސުން ގުޅުން ހިންގުމުގެ ސަބަބުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!