ފިލްމު ކުޅުމުގެ ނަމުގައި ބިންމަތި ފަސާދަކުރުން ހުއްޓާލާ ﷲ އަށް ބިރުވެތިވުމަށް ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒު ނަސޭހަތްތެރި ވެއްޖެ އެވެ.

އޭނާގެ ފޭސްބުކް ޕޭޖު ގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި ފިލްމު ހަދަން އުޅޭ ކުންފުނިތަކުން އަލީ ރަމީޒު ގެ އަމިއްލަ އުފެއްދުމެއް (ލަވައެއް) އޭނާ ގާތު އަހާލުމެއް ވެސް ނެތި އެ ލަވަ އެހެން މީހެއް ލައްވާ ކިޔުއްވައި އޭގެ ރިމިކްސް ހަދަމުންދާ ކަމަށެވެ.

Ad
rt

އޭގެ ވީޑިއޯ ހަދައި ނުވިތާކަށް އެ ލަވަ މީހުންގެ ފިލްމަކަށް ލުމަށް މަސައްކަތް ކުރަމުންދާކަން އެމީހުންގެ ސޯޝަލް މީޑިއާ އިން ކަށަވަރުވެފައިވާ ކަމަށް ވެސް އަލީ ރަމީޒު ވިދާޅުވެފައި ވެއެވެ. އަދި އެހެނިހެން މީޑިއާ ތަކުން ވެސް އޭނާއަށް އެކަން ވަނީ ކަށަވަރު ވެފައި ކަމަށް އަލީ ރަމީޒު ވިދާޅުވެފައި ވެއެވެ.

"ވީމާ މީހުންގެ ހައްގުތަކަށް އިހްތިރާމުކޮށް، މިފަދައިން ކަންތައް ނުކުރުމަށް އެންމެހައިި ފަރާތްތަކަށް ދަންނަވަން. އަދި ފިލްމު ކުޅުމުގެ ނަމުގައި ބިންމަތި ފަސާދަކުރުން ހުއްޓާލައި ﷲ އަށް ބިރުވެތިވުމަށް މި ފުރުސަތުގައި ނަސޭހަތްތެރިވަން."

އަލީ ރަމީޒު ވިދާޅުވެފައި ވެއެވެ.

އަލީ ރަމީޒުގެ ޕޯސްޓުގައި މިފަދައިން އޭނާގެ ޕްރޮޑަކްޝަން ތައް ބޭނުންކުރާ ފަރާތްތަކާއިމެދު ޝަރުއީ އަދި ގާނޫނީ ފިޔަވަޅު އަޅަން ފަސްނުޖެހޭނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.