ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ މަސައްކަތް ނިންމާލެވޭކަމަށް ސަރުކާރުން އުންމީދު ކުރަނީ، 2024 ވަނަ އަހަރު ނިމެންވާއިރަށްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު މިޢްވާން މުޙައްމަދު ވިދާޅުވެއްޖެ އެވެ.

މިޢުވާން މިހެން ވިދާޅުވީ، ފާއިތުވެ ދިޔަ ހަފްތާގައި ކުރެވުނު މުހިއްމުކަންކަމާއި ކުރިޔަށްއޮތް ހަފްތާގައި ކުރުމަށް ރޭވިފައިވާ ކަންކަމުގެ މަޢުލޫމާތު ހިއްސާކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި “ތިލަދުން” އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

Ad
rt

މިއުވާން ވިދާޅުވީ ހަނިމާދޫ އެއާޕޯޓާއި ގުޅުންހުރި މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާއި މިހާރު އެމަސައްކަތް އެވޯޑު ކުރެވިފައިވާކަމަށް ވިދާޅުވި އެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ގެ އަމަލީ މަސައްކަތް ފެށޭނެ ތާރީޙާއި ގުޅޭގޮތުން މިޢުވާން ވިދާޅުވީ އެއަރޕޯޓްގެ އަމަލީ މަސައްކަތް ފެށޭނެ ސީދާ ތާރީޙް ޗެކްކޮށްލާނެ ކަމަށެވެ.

"2024 ވަނަ އަހަރު ނިމެންވާއިރަށް އެއާޕޯޓުގެ އެކްސްޕޭންޝަން މަސައްކަތް ނިމޭނެކަމަށް އަޅުގަނޑުމެން މި އުންމީދުކުރަނީ. އެހެންވީމާ މާ ގިނަ ދުވަހެއް ނެތް،"

މިއުވާން ވިދާޅުވިއެވެ.

އެމަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.

މި މަޝްރޫއު ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ޚިދުމަތް ދެވޭނެ ކަމަށާއި މެދުއިރުމައްޗާއި ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާ އާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ވެސް ލިބޭނެ ކަމަށެވެ.

މި ޕްރޮޖެކްޓަކީ އިންޑިއާގެ އެގްޒިމް ބެންކާއި ރާއްޖެއާ ދެމެދު 2019 ވަނަ އަހަރު ސޮއިކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.