މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު ކުއްލި ގޮތަަކަށް ނިޔާވެއްޖެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނެފައިވަނީ ނިޔާވެފައިވަނީ، މ. މުލި ހުދުފިނިފެންމާގޭ މުޙައްމަދު ނަޝީދު (43 އަހަރު) ކަމަށެވެ.
އެ ސަރވިސް އިން ބުނީ، މުޙައްމަދު ނަޝީދު ނޭވާ ނުލާތީ އޭނާގެ ގޮޅީގައި ހުންނަ ބަންދުމީހަކު ޕްރިޒަން އޮފިސަރުންނަށް އަންގާފައިވާކަމަށެވެ.
އޭނާ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ވަނީ ސީޕީއާރް ދީފައިކަމަށާއި، ސީޕީއާރްއަށް ފަހުވެސް ނޭވާ ނުލުމުން، ޑޮކްޓަރު ވަނީ 17:26 ހާއިރު އޭނާ ނިޔާވިކަމަށް ކަނޑައަޅާފަކަމަށް އެސަރވިސް އިން ބުނެފައިވެއެވެ.
މުޙައްމަދު ނަޝީދަކީ މަސްތުވާތަކެއްޗާ ބެހޭ މައްސަލައެއްގެ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއްކަމަށްވެސް އެ ސަރވިސް އިން ބުންޏެވެ.
އޭނާ ނިޔާވުމާ ގުޅިގެން، ވަގުތުން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިވާނެކަމަސްވެސް ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!