ޕީޕީއެމްގެ ކުރީގެ މަޖިލިސް އަހުމަދު ނިހާންގެ މައްޗަށް ދައުވާކުރާ މައްސަލާގައި ދިފާއީ ހެއްކެއްގެ ގޮތުން ޕީޖީ ހުސައިން ޝަމީމާއި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފަށް ކޯޓަށް ހާޒިރު ކުރެވޭނެ ކަމަށް މިއަދު ނިންމައިފި އެވެ.
ރިޝްވަތު ހިފި ކަމަށް ބުނެ ނިހާންގެ މައްޗަށް ކުރާ ދައުވާތަކާ ގުޅިގެން ނިހާންގެ ފަރާތުން ދިފާއުގައި ހުށަހެޅީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމާއި ޕީޖީ ޝަމީމާއި މަހްލޫފާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ޕީޕީއެމްގެ މަޖިލިސް މެމްބަރުންތަކެކެވެ.
އެ ހެކިން ބަލައިނުގަތުމަށް ދައުލަތުން ހުށަހެޅުމުން ކްރިމިނަލް ކޯޓުން މިއަދު ނިންމީ ރައީސާއި ނައިބު ރައީސް ހާޒިރު ނުކުރެވޭނެ ކަމަށެވެ. އެއީ މައްސަލައާ ގުޅުންހުރި ހެކިންނަށް ނުވާތީ އެވެ.
އެކަމަކު ޝަމީމާއި މަހްލޫފާއި އަލީ ވަހީދާއި ޕީޕީއެމްގެ މިހާރާއި އޭރުގެ މަޖިލިސް މެމްބަރުންގެ ތެރެއިން ނިހާންގެ ފަރާތުން ހުށަހެޅި ބޭފުޅުން ހާޒިރު ކުރެވޭނެ ކަމަށް ވެސް ނިންމި އެވެ. އަދި އެ ބޭފުޅުން ހެކިންގެ ގޮތުގައި ބަލައިނުގަނެވޭނެ ސަބަބެއް ދައުލަތަށް ނުދެއްކޭ ކަމަށް ކޯޓުގެ ނިންމުމުގައިވެ އެވެ.
ނިހާންގެ ފަރާތުން ހުށަހެޅީ ދައުލަތުގެ ހެއްކެއްގެ ގޮތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބަލައިނުގަތުމަށާއި އޭނާގެ ފޯން އެނަލައިޒްކޮށް ނެރުނު ރިޕޯޓް ބަލައިނުގަތުމަށާއި އެހެން ވެސް ބައެއް ލިޔުންތައް ހޯދުމަށް އެދި އެވެ. އަދި ދައުވާ ކުރުމުގައި ތަފާތުކުރި ކަމަށް ކަނޑައަޅަން ވެސް އޭނާގެ ފަރާތުން ހުށަހަޅާފައިވެ އެވެ. އެ ހުށަހެޅުން ނިމުނީ ނިހާނާ ދެކޮޅަށެވެ.
ހެކިން ހާޒިރުކުރުމުގެ މަރުހަލާ އޮންނާނީ ފަހުންނެވެ. މިއީ ރާއްޖޭގެ ޕީޖީއަކު ދިފާއީ ހެއްކެއްގެ ގޮތުން ހާޒިރުކުރާ ފުރަތަމަ ފަހަރެވެ،
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!