އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު އާތިފް ހަމަޖައްސައިފިއެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އާ ބޭފުޅަކު އައްޔަންކުރީ، ކުރިން އެ މަގާމުގައި ހުންނެވި ސުހައިލް އަހުމަދު މިދިޔަ ހަފުތާގައި ރިޓަޔާ ކުރެއްވުމުންނެވެ. އެގޮތުން، އާތިފް މި މަގާމަށް އައްޔަންކޮށްފައިވަނީ މިއަދުއެވެ.

Ad
rt

ސުހައިލް ސަރުކާރުގެ ވަޒީފާ އިން ރިޓަޔާ ކުރައްވަން ނިންމެވީ އުމުރުން 55 އަހަރު ވުމުން، އެޗްޑީސީގައި އޮންނަ ރިޓަޔާމެންޓް އުސޫލުގެ ތެރެއިންނެވެ.

އެޗްޑީސީން މިއަދު ބުނީ އެ ކުންފުނީގެ އާ އެމްޑީ އާތިފުގެ ލީޑާޝިޕްގެ ދަށުން އެ ކުންފުނީގެ މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށެވެ.

އެ ކުންފުނީގެ ޑެޕިއުޓީ އެމްޑީއަކަށް އާތިފް ހަމަޖެއްސީ މާޗު 6، 2019 ގައެވެ.

އާތިފް ވަނީ މެލޭޝިއާގެ ހާޓްފޯޑްޝަޔާ ޔުނިވާސިޓީން އެކައުންޓިންގެ ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލްކުރައްވައިފައެވެ. އަދި އެކައުންޓިންގެ ދާއިރާގައި އޭނާ މަސައްކަތް ކުރައްވާތާ 10 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އެކި މަގާމުތައް އަދާކުރައްވާފައިވެއެވެ.

އެޗްޑީސީގެ ބޯޑަށް އައްޔަންކުރުމުގެ ކުރިން، އޮޑިޓިންގެ ދާއިރާ އާއި ޓެކްސް އޭޖެންޓްގެ ގޮތުން ވެސް އޭނާ މަސައްކަތްކުރެއްވިއެވެ.