މިދުވަސް ވަރަކީ ރާއްޖޭގެ މޫސުން ވަރަށް ގޯސް ދުވަސް ވަރަކެވެ. ދިވެހިރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން އާންމުކުރާ މައުލޫމާތު ތަކަށް ބަލާއިރު ވޭތުވެ ދިޔަ ދެ ދުވަހު އެކި ފަހަރުމަތިން ވަނީ މޫސުން ގޯސްވެ ޔެލޯ އެލާޓު ނެރެފައެވެ.

މި މަހުގެ 25 ވަނަ ދުވަހު ރާއްޖެއާއި ދުރުން އަރަބި ކަނޑުގައި އުފެދުނު ތޫފާން "ކިޔާރު" ގެ ސީދާ އަސަރު ރާއްޖެ އަށް ނުކުރާނެ ކަމަށް ބުނި ނަމަވެސް ރާއްޖޭގެ ސަރަހައްދުގައި އޭރު އުފެދިފައިވާ ލޯޕްރެސަރ ޓްރަޕްގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރަމުން ދިޔައެވެ.

Ad
rt

އަރަބި ކަނޑުގައި އުފެދުނު ތޫފާން ރާއްޖެ އާއި ދުރަށް ދަތުރު ކުރިނަމަވެސް އިއްޔެ ވަނީ ރާއްޖެ ކައިރީގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެފައެވެ. މި ތޫފާން "މަހާ" ނަމަކަށް ކިޔާ މިތޫފާންގެ ވެސް ސީދާ އަސަރު ރާއްޖެއަށް ނުކުރާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ މައުލޫމަތު ދެއްވާފައެވެ. ނަމަވެސް މި ތޫފާން ގެ އަސަރު ރާއްޖެ އަށް ކުރާނެ ކަމަށާއި މީގެ ސަބަބުން ކުރިއަށް އޮތް ވަގުތުތަކުގައި ގިނަ އަދަދަކަށް ވިއްސާރަ ވިލާ ރާއްޖޭގެ މައްޗައް އަރަމުން ދާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ވަނީ އިއްޔެ ވިދާޅުވިއެވެ.

ރާއްޖޭގެ 16 އަތޮޅަކަށް އިއްޔެ ޔެލޯ އެލާޓު ނެރެފައިވާއިރު އުތުރުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭނޭ ކަމަށް މޫސުމާބެހޭ އިދާއިން ވަނީ ވިދާޅުވެފައެވެ.

ލަކްޝްވަދީބު މަތީގައި އޮވެގެން ތޫފާން "މަހާ" ގެ ބާރު އިތުރަށް ގަދަވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން މައުލޫމާތު ދެއްވާއިރު ކަނޑު ދަތުރުފަތުރު ކުރައްވާ ފަރާތް ތަކުން މޫސުމަށް ސަމާލުވުމަށް އެދިލައްވައެވެ. ތޫފާން "މަހާ" ގެ ސަބަބުން ކުރަމުންދާ ވިއްސާރަ ނޮވެމްބަރ މަހުގެ 04 ވަނަ ދުވަހުގެ ނިޔަލަށް ކުރަމުންދާނެ ކަމަށް މޫސުމާއި ބެހޭ މައުލޫމާތު ގެނެސްދޭ ބައިނަލްއަޤުވާމީ ވެބްސައިޓްތަކުން ބުނެއެވެ.

ރާއްޖެ ކައިރިން އުފެދުނު ތޫފާން "މަހާ" ގެ ބާރު ގަދަވެ، ވައި ޖެހެމުން ދަނީ 58 މޭލަށް ވުރެ ބާރުމިނުގަ އެވެ. އެތޫފާން މިހާރު ވެސް ދަނީ އިންޑިއާ ކައިރިން އަރަބި ކަނޑަށް ޖެހެމުންނެވެ.