އަހަރެންގެ އުމުރުން އެކާވީސް އަހަރު ވީ އިރު އަހަރެން ވީ ޑަކްޓަރީ ދާއިރާއިން ކިޔަވާ ދަރިވަރެއްކަމުގައެވެ. ނޫސްތަކާއި އެނޫންވެސް ޚަބަރުފަތުރާ ވަސީލަތް ތަކުން ޚަބަރުތައް ބަލަމުންދާ އިރު، އިސްލާމްދީނާ ގުޅޭ ޚަބަރެއް ވާނަމަ މުޅިންވެސް ފެންނަނީ ނެގެޓިވް ޚަބަރުތަކެވެ. އަދި އިސްލާމް ދީނާއި އަންހެނުންނާ ގުުވައި ވަރަށް ނެގެޓިވްކޮށް ޚަބަރުތައް ފަތުރާކަން އަހަންނަށް ފާހަގަވިއެވެ.
އެގޮތުން، މުސްލިމު އަންހެނުން ތަޢުލީމު އުނގެނުމުން މަޙުރޫމު ކުރުވާ ވާހަކައާއި، އެސިޑު ފަދަތަކެތި މުސްލިމު އަންހެނުންގެ މޫނަށް އަޅައި އަންދާ ހަދާ ވާހަކަފަދަ ނުބައި އެތައް ވާހަކައެއް އަހަންނަށް ވަނީ ފެނިފައެވެ. ހަމައެއާއެކު އަހަރެން ދިރިއުޅެމުން ދިޔަ ހުޅަނގު-ޔޫރަޕުގެ ހިސާބަކީ އިސްލާމްދީން ދެކެ ވަރަށް ނަފްރަތުކުރާ ބަޔަކު އުޅެމުން އައި ހިސާބުގަނޑެކެވެ. މިހުރިހާ ކަމަކާއެކު އަހަރެންނަށް މީޑިއާއިން އިސްލާމް ދީނާމެދު ދައްކަމުން އައި ނެގެޓިވް ތަސައްވުރަކީ ޙަޤީޤަތް ކަމުގައި އަހަންނަށް ޤަބޫލު ކުރެވުނެވެ.
މެޑިކަލް ސްކޫލުގައި ކިޔަވަމުން ދިޔައިރު، ލިބޭ ހުސް ވަގުތު ތަކުގައި، އަހަރެން އިސްލާމް ދީނާ ގުޅޭ އިތުރު މަޢުލޫމާތުތައް ހޯދައި ބަލައި ހަދަން ފެށީމެވެ. އަހަރެން މިމަސައްކަތް ކުރަން ފެށި ސަބަބަކީ އިސްލާމްދީނަކީ ކިހާ ނުބައި ދީނެއްކަން މީސްތަކުންނަށް އަންގައިދިނުމަށް އަހަރެން ބޭނުންވުމެވެ. އަދި މިކަމަށްޓަކައި މުސްލިމުންނާ ބަހުސް ކުރަން ޖެހިއްޖެ ހިނދެއްގައި އިސްލާމްދީނާ ބެހޭ އިތުރު މަޢުލޫމާތު ހޯދައިގެން މެނުވީ އެފަދަ ކަމެއް ނުކުރެވޭނެތީއެވެ. އެއާއެކު އިސްލާމް ދީނާ ގުޅޭ އެކިއެކި ލިޔުންތައް ކިޔައި މިދީނާ ބެހޭގޮތުން ހަދާފައިވާ ވީޑިއޯތައްވެސް ބަލަން ފެށީމެވެ. މިހާރުވެސް ބުނެވިދާނެ، މި މަސައްކަތް ފަށައިގަތް އިރު އަހަރެންގެ ހިތުގައި އިސްލާމް ދީނާމެދު ވަނީ ވަރަށް ބޮޑު ނަފުރަތެއް އުފެދިފައެވެ.
އިސްލާމްދީނާމެދު މައުލޫމާތު ހޯދަމުން ދިޔަވަރަކަށް އަހަންނަށް، މިދީނާ ގުޅޭ އާ ކަންތައްތައް އެނގެން ފެށިއެވެ. އަދި މީޑިއާއިން އެހާ ނުބައިކޮށް ފަތުރަމުން އައި މި އިސްލާމް ދީނުގައި ވެސް ރަނގަޅު ކަންތައްތަކެއް ވާކަން ފާހަގަ ވާންފެށިއެވެ. އެހިސާބުން އަހަރެންގެ ހިތަށް އަރަންފެށިއެވެ. އަހަރެން އިސްލާމް ދީނަށް ނަފުރަތު ކުރަމެވެ. އެހެނަސް މި ދީނުގައި ވަރަށް ރަނގަޅު ކަންކަންވެސް އެބަ ހުއްޓެވެ. އިންސާނެއްގެ ޙައިސިއްޔަތުން ވިސްނާލާއިރު ފާހަގަ ކޮށްލެވޭ ވަރަށް ބައިވަރު ރަނގަޅު ކަންކަން މިދީނުގައި އެބަހުޓެވެ. އެހެނަސް މިއީކީ އަދި ރަނގަޅު ދީނެއް ނޫނެވެ. މިދީނަށް އަހަރެން ނަފުރަތު ކުރަމެވެ.
މިގޮތުގައި އިސްލާމްދީނާ ގުޅޭ މަޢުލޫމާތުތައް ހޯދުމުގައި ކިޔުމާއި އެކިއެކި އެއްޗިހި ބެލުމުގައި އެތައް މަހެއް އަހަރެން ވެއަތު ކުރީމެވެ. އެތައް މަހެއްގެ ދިރާސާއަކަށް ފަހު އިސްލާމް ދީނާމެދު އަހަރެން ދެކެމުން އައިގޮތް އަނެއްކާވެސް ބަދަލުވާންފެށިއެވެ. މިހާރު އިސްލާމްދީނަށް ނަފުތަތު ކުރަމޭ ބުނުމަށް އަހަރެންގެ ދޫ ނުކުޅެދެން ފެށިއެވެ. އިސްލާމް ދީނާ މެދު އަހަރެން ގަޔާވާ ކަންކަން މާބޮޑަށް ވެސް ގިނަ ވެއްޖެއެވެ. އަހަންނަށް ކުރެވިގެން ދިޔައީ ގެއަށް އާދެވުނުފަދަ އިހުސާސެކެވެ. އިސްލާމްދީނުގައި ޙަޔާތެއް ވެއަތުކުރުމަށް އަންގަވާފައި ވާ ގޮތާމެދު އަހަރެން ވަރަށް ގަޔާވެއްޖެއެވެ. އިތުރަށް ދުވަސްތަކެއް ބޭކާރު ކުރާކަށް އަހަރެން ބޭނުމެއް ނުވުމާއެކު އިސްލާމްދީނުގެ ތަރަހައިގެ ތެރެއަށް ވަދެ އަހަރެން މުސްލިމަކަށް ވީމެވެ.
މުސްލިމަކަށް ވުމަށްފަހު އެންމެ ފުރަތަމަ އަހަރެން ޙިޖާބު އަޅަން ފެށީ ހަމައެކަނި ނަމާދު ކުރާ ވަގުތުގައެވެ. އަދި ނަމާދުން އަވަދި ވުމާއެކު އަހަރެން ޙިޖާބު ނަގާލަމެވެ. ނަމަވެސް ދުވަސްތައް ވެއަތުވަަމުންގޮސް މިއީ އަހަންނަކަށް ކަމުދާ ގޮތަކަށް ނުވިއެވެ. އަހަރެންގެ ހިތައް އަރަން ފެށިއެވެ. އަހަރެން ނަމާދު ކުރާއިރު އަހަރެންގެ ހުރިހާ ޙަރަކާތެއް އެންމެ މޮޅަށް ބައްލަވާ ވޮޑިގެންވާ އިލާހު، އަހަރެން ނަމާދުން ބޭރުގައި އުޅޭނޫޅޭ ގޮތް ވެސް އެންމެ މޮޅަށް ބައްލަވާ ވޮޑިގެން ވެއެވެ. އެހެންކަމުން އިސްލާމް ވިތާ އަހަރެއް ފަހުން އަހަރެން އެއްކޮށް ހިޖާބު އެޅީމެވެ. އަދި އޭގެ ފަހުން އަހަރެން މިއުޅެނީ މުޅިންވެސް ހިޖާބު އަޅައިގެންނެވެ.
މުސްލިމަކަށް ވުމުގެ ކުރީގައި އަހަރެންނަށް އިސްލާމްދީނާ މެދު ދެކެވިފައިވަނީ ވަރަށް ނުބައިކޮށެވެ. އިސްލާމް ދީނާމެދު ވަރަށް ބައިވަރު ކުށްހީތައް އަހަރެންގެ ކިބައިގައި ވިއެވެ. ޚާއްސަކޮށް އަންހެނުންނަށް އިސްލާމްދީން ވަރަށް އަނިޔާވެރިވާކަމަށް އަހަންނަށް ދެކެވިފައި ވިއެވެ. އަހަންނަށް ވިސްނިފައި އޮތް ގޮތުން، އިސްލާމް ދީނުގައި މުސްލިމު އަންހެނުން ވަކި ގޮތަކަށް ހެދުން އަޅަން މަޖުބޫރު ކުރުވައެވެ. އަދި އަންހެނުން ބޭރަށް ނުކުމެއުޅުން މުޅިން މަނާ ކުރެއެވެ. އަދި އަންހެނުން ތަޢުލީމު އުނގެނުމުން އެއްކޮށް މަޙުރޫމު ކުރެއެވެ. އެއްވެސް ކަހަލަ މަސައްކަތެއް ކުރުމަކީ މުސްލިމު އަންހެނުންނަށް ހުއްދަ ކަމެއް ނޫނެވެ. އެހެން ގޮތަކަށް ބުނާނަމަ އިންސާނެއްގެ ގޮތުގައި އުޅެލުމަކީ މުސްލިމު އަންހެނަކަށް އެކަށޭނަ ކަމެއް ނޫނެވެ. އެހެންނަމަވެސް މުސްލިމަކަށްވެ، މުސްލިމް އަންހެނެއްގެ ގޮތުގައި އުޅެން ފެށި، އިސްލާމް ދީނުގެ މަޤުސަދުތަކާއި ޙުކުމްތައް އެނގެން ފެށުމާއެކު އަހަންނަށް މިއޮށްހާ ދުވަހު ވިސްނިފައި މިވަނީ މުޅިން ނުބައިކޮށްކަން އަހަންނަށް ވިސްނުނެވެ.
އިސްލާމް ދީނުގެ ތަރަހައިގެ ތެރޭގައި އަހަރެން ބޭނުންވާ ކަންކަން ކުރަން އިސްލާމްދީން ހުރަހެއް ނާޅައެވެ. އިސްލާމްދީން ހުއްދަ ކުރާ އިސްލާމީ ލިބާހުން އަހަރެން ބޭނުން ގޮތަކަށް އަހަންނަށް ހެދުން އެޅެއެވެ. އެންމެ ފަހުގެ ފެޝަން ޓްރެންޑަށް ތަބާވެ، އޭގެ އަޅުވެތިކަމުގައި އަހަރެން އުޅޭކަށް ނުޖެހެއެވެ. އަހަރެންގެ ހަށިގަނޑަށް އެހެން މީހުންނަކަށް ބާރެއް ނުފޯރުވެއެވެ. ކުރިން އުޅުނުހެން، މީހުންގެ ލޮލަށް ފެންނަ ގޮތުގައި މާބޮޑަށް ހިކިފަ ހުރެދާނެތީ ނުވަތަ މާބޮޑަށް ފަލަވެފަހުރެދާނެތީ އާއި އޭގެ ސަބަބުން މީހުން ކިޔާފާނެ އެއްޗަކަށް ވިސްނައި މީހާ ހާސްވެ، އެ ޕްރެޝަރުގައި މިހާރު އުޅޭކަށެއް ނުޖެހެއެވެ.
މީހުންނަށް ފެންނަ ގޮތް ރީތި ކުރުމަށްޓަކައި ހައިހީލްސް އަށް އަރައިގެން ނުވަތަ އެންމެ ފަހުގެ ޑިޒައިނާ ހެދުންތައް ލައިގެން އެކަމުގައި އުޅޭކަށެއް ނުޖެހެއެވެ. މީގެއިން ހެދުމެއް އެހާ އަގުބޮޑުކޮށް ގަނެފައި ދެ ދުވަހަކު ލާފައި ދެން އަނެއްކާ ވެސް ޖެހެނީ އެ ފެންވަރުގެ ނުވަތަ އެއަށްވުރެ މޮޅު އެހެން ހެދުމެއް ގަންނާށެވެ. މިހާރު އަހަންނަށް އަހަރެންގެ އަމިއްލަ ޙަޔާތާމެދު ވިސްނާލެވެއެވެ. އަހަރެންގެ އާއިލާއާ މެދު ވިސްނާލެވެއެވެ. އަހަރެންގެ އިލާހާމެދު އަހަންނަށް ވިސްނާލެވެއެވެ. އަހަންނާމެދު އެހެންމީހުން ވިސްނާފާނެ ގޮތަކާމެދު އަހަރެން ވިސްނައި، ހާސްވެ ޕްރެޝަރު ބޮޑުވެފައި ހުންނާކަށް ނުޖެހެއެވެ.
އިސްލާމް ދީނުގައި އަންހެނާއަކީ އޭނާގެ އަސްލު ސިފައިގައި، އަދި އޭނާގެ ޝަޚުސިއްޔަތުގައި އަގު ބޮޑު އަދި އަގު ހުރި މީހެކެވެ. އިސްލާމް ދީނުގައި އަންހެނުންނާ މެދު ޢަމަލު ކުރެވޭ ގޮތުން އަހަރެން އެންމެ ހިތްހަމަ ޖެހޭ ކަންތައްތަކަކީ މިއީއެވެ. އެމީހެއްގެ ހަށިގަނޑުގެ ބޭރުފުށުން ދައްކުވާ (ފޭކް) ރީތި ކަމުން އެހެން މީހުން ހިތްހަމަ ޖައްސަން “ގެންގުޅޭ އެއްޗެއްގެ ގޮތުގައި” އިސްލާމްދީނުގައި އަންހެނާ ބޭނުމެއް ނުކުރެއެވެ. ހިތްހަމަ ނުޖެހޭ ކަމެއް ވާ ނަމަ އެކަމެއްގެ ވާހަކަ އަންހެނުންނަށް ދެއްކެއެވެ. މަންމައެއްގެ ގޮތުގައި ދަރިން ބެލުމުގެ މަސްއޫލިއްޔަތު އެންމެ ފުރިހަމައަށް އަދާކުރުމަކީ އަންހެނާގެ ޙައްޤެކެވެ. އަންހެނާއަކީ ކޮންމެހެން ވަޒީފާއަކަށް ތަނަކަށް “ދާން ޖެހޭ” މީހެއް ނޫނެވެ.
މުސްލިމަކަށް ވުމަށްފަހު އަހަރެންގެ އަތުގައި ވަރަށް ރީތި އެއްޗެއް ވެއެވެ. އެއީ ނަމާދެވެ. އަހަރެމެން މުސްލިމުން ކޮންމެ ދުވަހަކުވެސް ފަސް ފަހަރު ނަމާދު ކުރަމެވެ. މާނައަކީ ކޮންމެ ދުވަހަކު ފަސްފަހަރު ހުރިހާ ގޮތަކުން ހަށިގަނޑު ހަމަޖައްސާލަން އަހަރެމެންނަށް ފުރުސަތު ލިބެއެވެ. ކޮންމެ ދުވަހަކު ފަސްފަހަރު އަހަރެންގެ ހުރިހާ ހާސްކަމެއް އަހަރެން ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ހުށަހަޅައި ދޫކޮށްލަމެވެ. މިއީ އިސްލާމް ދީނުގައި ވާ އަހަރެން އެންމެ ގަޔާވާ ކަމެވެ. ތިބާ އަކީ ދުވަހަކުވެސް ނަމާދު ކޮށްފައިވާ މީހެއް ކަމުގައި ނުވާނަމަ، ނަމާދު ކުރަން ފަށާށެވެ. ނަމާދުން ތިބާ އަށް ސަލާމަތްތެރިކަން ލިބޭނެއެވެ.
މިއީ ނެދަލޭންޑްސްގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ޕައުލީން މިޔުޑޭ އިސްލާމް ވީ ގޮތުގެ ވާހަކައެވެ. އޭނާ އިސްލާމް ދީނާމެދު ނަފްރަތު ކުރީ މީޑިއާގެ ވަސީލަތްތަކުން އޭނާއަށް ވިސްނައިދީފައިވާ އިސްލާމް ދީނުގެ ނެގެޓިވް ގޮތްތަކުގެ ސަބަބުންނެވެ. ނަމަވެސް ޙަޤީޤަތް ހޯދުމާއެކު އޭނާ އަށް އެއީ މުޅިން ނުރަނގަޅު ވާހަކަތަކެއް ކަން އެނގުނެވެ. އަދި އިސްލާމްދީނާ ދެކޮޅަށް ވާހަކަދައްކައި ބަހުސް ކުރަން ނިންމައިގެން ހުރި މި އަންހެން މީހާ އެންމެފަހުން އިސްލާމްވެސް ވީއެވެ.
އަހަރެމެންގެ މުޖުތަމަަޢުގައިވެސް “އެކިއެކި ރައިޓްސްގެ” ނަމުގައި ފެމިނިޒަމާއި ލިބަރަލިޒަމާއި ސެކިއުލަރިޒަމްގެ ކެންސަރުގައި ޖެހިފައިވާ ބަޔަކު އިސްލާމްދީނުގައި އަންހެނުންނާ މެދު ދެކެވޭގޮތްތައް އޮޅުވާލަން މަސައްކަތް ކުރާކަން ފާހަގަކުރެވެއެވެ. މިފަދަ މީސްމީހުންނާއި ޖަމާޢަތްތަކާމެދު އަހަރެމެން ސަމާލު ވާން ވާނެއެވެ. އެބައިމީހުން ދައްކާ ވާހަކަތައް ދައްކާނީ ނިކަން ރީތި ބަސްތަކަކާއި ޖުމްލަތަކެއް ބޭނުންކޮށްގެން އެބަސްތަކުގެ މާނަތައް މުޅިން އޮޅުވާލައިގެންނެވެ. މީސްތަކުންގެ ސިކުނޑިތައް ދޮވެލާ ފަދަ ޢިބާރާތްތަކަކުންނެވެ. އެހެންކަމުން، ޕައުލީންފަދަ އުޚްތުންގެ ވާހަކަތަކުން ޢިބްރަތް ޙާޞިލުކޮށް މުސްލިމުން މަގުފުރައްދަން އުޅޭ ފަރާތްތަކުގެ އަވައިގައި ޖެހުމުން އަހަރެމެން ސަލާމަތް ވާންވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!