ރާއްޖެ ޓްރާންސްޕޯޓް ލިންކް ބަހުގެ ހިދުމަތުގައި "ކިޔުއާރް ޓިކެޓިން " ތައާރަފުކޮށްފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، މާލެ ސަރަހައްދާއި، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ލ. ގަމާއި ފޮނަދޫ އަދި ލ. އިސްދޫއާއި ކަލައިދޫގައި ފޯރުކޮށްދެމުން އަންނަ ޚިދުމަތުގައި މާދަމާއޮނ ފެށިގެން "ކިޔުއާރް ޓިކެޓިން" ތަޢާރަފުކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.
އަލަށް ތައާރަފުކުރެވޭ ކިޔުއާރު ޓިކެޓާއިއެކު ބަސް ހިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ލިިބިގެންދާނެއެވެ. މިގޮތުން ކަސްޓަމަރުންނަށް ގޭގައި ތިބެގެންވެސް އާރްޓީއެލް ވެބްސައިޓް ނުވަތަ އެޕްލިކޭޝަން މެދުވެރިކޮށް ކިޔުއާރު ޓިކެޓް ގަނެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
މާދަމާއިން ފެށިގެން ކިޔުއާރް ޓިކެޓް ގަތުމަށް އެމްޓީސީސީން އެކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓް އަދި މޯބައިލް އެޕް ބޭނުން ކުރެވޭނެއެވެ.
ކިޔުއާރް ޓިކެޓިން ޚިދުމަތް ފެށުނު ނަމަވެސް، ބަސް ދަތުރު ކާޑު ގެންގުޅޭ ފަރާތްތަކަށް ދަތުރުކާޑު ބޭނުން ކޮށްގެންވެސް ބަހުގައި ދަތުރު ކުރެވޭނެއެވެ.
އާރްޓީއެލް ޓްރެވަލް އެޕް އެޕަލް އެޕް ސްޓޯރުންނާއި ގޫގުލް ޕްލޭސްޓޯރުން ހިލޭ ޑައުންލޯޑު ކުރެވޭނެއެވެ.
އެމްޓީސީސީން ބުނީ ޓިކެޓް ނަގާ ދުވަހުން ފެށިގެން 7 ދުވަހުގެ ތެރޭގައި ޓިކެޓް ބޭނުންކުރެއްވޭނެ ކަމަށެވެ. އެގޮތުން ބަހުގައި ދަތުރު ކުރުމަށް ބަހަށް އެރުމަށްފަހު ޓިކެޓްގެ ކިޔުއާރް ކޯޑް ސްކޭންކުރަން ޖެހޭނެއެވެ.
ކިޔުއާރް ޓިކެޓިންގެ ޙިދުމަތް ފެށި ނަމަވެސް 65 އަހަރުން މަތީގެ މީހުންނާއި، 3 އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭނެއެވެ. އަދި ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން ދީފައިވާ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭނެއެވެ.
މީގެ އިތުރުން ޔުނިފޯމްގައި ތިބޭ ސްކޫލް ކުދިންނަށްވެސް ބަހުގައި ހިލޭ ދަތުރުކުރެވޭނެއެވެ.
ކިޔުއާރް ޓިކެޓިން ޚިދުމަތް އާރްޓީއެލް އެޕް އަދި ވެބްސައިޓް މެދުވެރިކޮށް ބޭނުންކުރެވޭނެ ގޮތުގެ ތަފްސީލު، އެމްޓީސީސީގެ މީސްމީޑިއާ މަންސަތަކުން ލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!