ޤައުމަށާއި ރަށްޔިތުންނަށް ކޮށްދެވޭނެ އެންމެ ބޮޑު އެއް ޚިދުމަތަށް ވާނީ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް އަންނަ ދައުރަށް ވެރިކަމަށް ގެނަން މަސައްކަތް ކޮށްދިނުން ކަމަށް މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ހަސަން މުފީދު އަބުދުލް ޤާދިރު (ހަސަނާ) ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައި މަސައްކަތް ކުރަށްވާ ހަސަނާ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.
ހަސަނާ ވިދާޅުވީ، ޤައުމާއި ރަށްޔިތުންނަށް މިއަދު ކޮށްދެވޭނެ އެންމެ ބޮޑު އެއް ޚިދުމަތަކަށްވާނީ ޕީޕީއެމް/ޕީއެންސީގެ 2023ގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ވެރިކަމަށް ގެނައުމަށްޓަކައި މަސައްކަތް ކޮށްދިނުން ކަމަށެވެ.
''ދިވެހި ޤައުމާއި ރަށްޔިތުންނަށް މިއަދު ކޮށްދެވޭނެ އެންމެ ބޮޑު އެއް ޚިދުމަތަކަށްވާނީ ކޮންމެ މުސްލިމް ދިވެހި ރަށްޔިތަކު ވެސް ޕީޕީއެމް ޕީއެންސީގެ 2023ގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ވެރިކަމަށް ގެނައުމަށްޓަކައި މަސައްކަތް ކޮށްދިނުން.'' ހަސަނާ ވިދާޅުވެފަވެއެވެ.
ހަސަނާ މިހެން ވިދާޅުވެފައިވާއިރު، ރައީސް ޔާމީނަކީ އިދިކޮޅު ޕްރޮގްރޮއްސިވް ކޯލިޝަންގެ ފަރާތުން އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓަކުން އެ ކޯލިޝަނުން ވަނީ ކަނޑައަޅާފައެވެ. އަދި އެ ކޯލިޝަންގެ ރިޔާސީ ޓިކެޓް ވަނީ އެމަނިކުފާނާއި ހަވާލުވެސް ކޮށްފައެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިޚާބު ބޯމަތިވެގެން އަންނައިރު، ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީން އަންނަނީ ރިޔާސީ ޕްރައިމަރީއަކަށް ތައްޔާރުވަމުންނެވެ. އަދި އެޕާޓީގެ އިސް ބައެއް ފަރާތްތަކުން އަންނަނީ ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދޭންޖެހޭ ކަމަށް ބުނަމުންނެވެ.
ވެރިކަން ކުރާ ކޯލިޝަންގެ ދެވަނަ ޕާޓީ، ޖުމްހޫރީ ޕާޓީން ވެސް ވަނީ އަންނަ ރިޔާސީ އިންތިޚާބު ވާދަކުރާނެ ކަމަށް ބުނެފައެވެ. ނަމަވެސް ވާދަކުރާނީ ވަކިންތޯ ނުވަތަ ކޯލިޝަނެއްގެ ތެރެއިންތޯ ނިންމާނީ އެޕާޓީގެ އަސާސީޤަވާޢިދާ އެއްގޮތަށް ކައުންސިލުން ކަމަށް ވަނީ ބުނެފައެވެ. އެ ޕާޓީން ވެސް އަންނަނީ މިއަހަރު ފަހުކޮޅު ކޮންގްރެސް ބޭއްވުމަށް ތައްޔާރުވަމުންނެވެ.
އަންނަ އަހަރުގެ ވެރިކަމަށް ވާދަކުރަށްވާނެ ކަމަށް ޢިއުލާންކޮށްފައިވާ އަނެއް ޕާޓީއަކީ މޯލްޑިވްސް ނެޝަނަށް ޕާޓީ (އެމްއެންޕީ) އެވެ. އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުޙައްމަދު ނާޒިމް ކަމަށް ބެލެވެއެވެ.
މީގެ އިތުރުން އަމިއްލަ ބައެއް ކެންޑިޑޭޓުން ވެސް ވަނީ އިންތިޚާބުގައި ވާދަކުރާނެކަން ޢިއުލާންކޮށްފައެވެ. އެބޭފުޅުންގެ ތެރޭގައި ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރާއި، ޑރ. ޢަބުދުﷲ ޝިޙާމް ހަސަން ހިމެނެއެވެ. އަދި ކުރީގެ އެޓާނީޖެނެރަލް ޑރ. މުނައްވަރު ވެސް އިންތިޚާބަށް ތައްޔާރުވަމުން އަންނަކަމަށް އަޑުތައް ވަނީ ފެތުރިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!