އއ. އަތޮޅުގެ ތިން ރަށެއްގެ މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތާ ސްޓެލްކޯއިން ހަވާލުވެއްޖެއެވެ.

އެ ކުންފުނިން ހަވާލުވީ އެ އަތޮޅުގެ އުކުޅަހާއި ތޮއްޑޫ އަދި ރަސްދޫގެ މަގުބައްތިތައް މަރާމާތުކޮށް، ބެލެހެއްޓުމުގެ މަސައްކަތާއެވެ. އެ ކުންފުނިން އެ ރަށްތަކުގެ މަގުބައްތިތަކާ ހަވާލުވީ، ބައެއް ބައްތިތައް ނިވި، އެ ރަށްރަށުގެ މީހުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގެ ގޮތުންނެވެ.

Ad
rt

ސްޓެލްކޯއިން މިއަދު ވަނީ މި މަސައްކަތްތަކާ ހަވާލުވެ، ތިން ރަށުގެ ކައުންސިލާއެކު އެމްއޯޔޫއެއްގައި ސޮއި ކޮށްފައެވެ. މި އެއްބަސްވުންތަކުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ.

މި މަސައްކަތް ކުރިއަށްގެންދާ ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ. މި މަސައްކަތުގެ އަމާޒަކީ އެ ރަށްތަކުގެ މަގުބައްތިތަކަށް އެއްވެސް މައްސަލައެއް ނުޖެހި އަބަދުވެސް ދިއްލިފައި ހުރުން ކަމަށް މިއަދުގެ ރަސްމިއްޔާތުގައި ޝަރީފު ވިދާޅުވިއެވެ.

"ތިން ރަށުގެ ސްޓެލްކޯ ސްޓޭޝަން މެނޭޖަރުންގެ ޒިންމާއެއް އެއީ ބައްތިތައް އަބަދުވެސް ދިއްލިފައި ހުރި ކަން ކަށަވަރު ކުރުން. އަދި މައްސަލައެއް ދިމާވެއްޖެ ނަމަ އެ ކަމެއް ހައްލުކުން. ސްޓެލްކޯގެ ސްޓާފުންނަކީ އެ ކަމަށް ގާބިލު ބައެއް" ޝަރީފު ވިދާޅުވިއެވެ.

މި ތިން ރަށުގެ މަގުބައްތި ބެލެހެއްޓުމުގެ މަސައްކަތުގެ ނަތީޖާ އާއި ތަޖުރިބާ އަށް ބަލައި ކުރިމަގުގައި އއ. އަތޮޅުގެ ހުރިހާ ރަށްތަކާއި ސްޓެލްކޯ އިން ހިދުމަތް ދެމުން އަންނަ އދ، ކ، އަދި ވ. އަތޮޅުގެ ހުރިހާ ރަށްތަކެއްގެ މަގުބައްތި ބެލެހެއްޓުމާ ވެސް ހަވާލުވާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ. އަދި ސްޓެލްކޯގެ ހިދުމަތް ދެމުން އަންނަ ރަށްތަކުގެ ކައުންސިލުން ރާވައި ހިންގާ ހުރިހާ އިޖުތިމާއި ހަރަކާތަކަށް ވެސް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.