މ. ވޭވަށުގެ ބަނދަރު ހުޅުވައިފިއެވެ.

މި ބަނދަރު ހުޅުވާފައިވަނީ މިއަދު ހެނދުނު ވޭވަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ބަނދަރު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުއެވެ.

Ad
rt

މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިން، މިނިސްޓަރު މުޙައްމަދު އަސްލަމާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި، ހެލްތު މިނިސްޓަރު އަޙުމަދު ނަސީމާއި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާއި، ޔޫތު މިނިސްޓަރު އަޙުމަދު މަޙުލޫފާއި، ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަންއާއި، ވޭވަށު ކައުންސިލްގެ ރައީސް މަމްދޫޙު ވަހީދާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވޭވަށު ބަނދަރު ކައުންސިލާއި ހަވާލުކޮށްދެއްވީ ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމެވެ.

ސަރުކާރުން މި މަޝްރޫއު ކުރިއަށްގެންދިޔައީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލު ކޮށްގެންނެވެ.

ވޭވަށަކީ މަސްދޯނިފަހަރު ގިނަ އަދަދަކަށް މަސްވިއްކަން އަންނަ ރަށެއް ކަމަށްވުމާއެކު، މީމު އަތޮޅާއި އެ އަތޮޅު ކައިރީގައިވާ އެހެނިހެން އަތޮޅުތަކުގެ މަސްވެރިންނަށްވެސް، މި ބަނދަރުގެ ފަސޭހަކަން ލިބޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި މަސްވެރިކަމުގެ ސިނާއަތުން ވޭވަށުގެ އިގްތިސާދަށް ލިބެމުންދާ ނަފާ އިތުރުވުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ވޭވަޑު ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން 15,875 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 294 މީޓަރުގެ އެއްގަމުތޮށި ލުމާއި، 373 މީޓަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އަދި، 35 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، ރޭމްޕެއް ހެދުމާއި، 1470 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަ ޕޭވްމަންޓް ހެދުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ.

މިއީ 48.46 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.