އިޓާލިއަން ސީރިއާ އޭ ގައި ރޭ އިންޓަ މިލާނާއި ލާޒިއޯ ކުޅުނު މެޗު ލާޒިއޯއިން ކާމިޔާބު ކޮށްފިއެވެ.
ލާޒިއޯގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން އިންޓަގެ މައްޗަށް ކުރި ހޯދާފައި ވަނީ 3-1 ގެ ނަތީޖާއަކުންނެވެ.
ލާޒިއޯގެ ފަރާތުން ރަނގަޅު އެޓޭކްތަކެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައި ވަނީ ވެސް އެ ޓީމުންނެވެ. ލާޒިއޯގެ ކެޕްޓަން އިމޯބިލޭ ފޮނުވާލި ހަމަލާ ގޮސްފައިވަނީ ގޯލު ދަނޑިކައިރިން ބޭރަށެވެ. އޭގެ އިރުކޮޅެއް ފަހުން ވެސް އިމޯބިލޭއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތެއް ލިބިފައެވެ. އިންޓަގެ އޭރިއާތެރޭ ހުރެ އޭނާ ފޮނުވާލި ހަމަލާ މަތަކޮށްފައި ވަނީ އިންޓަގެ ކީޕަރެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ލާޒިއޯއިންނެވެ. މި ލަނޑ މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދީފައި ވަނީ ފެލިޕޭ އެންޑަސަންއެވެ. އޭނާ މިލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ސަވިޗް ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ.
މެޗުގެ 51 ވަނަ މިނެޓުގައި އިންޓައިން ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމްގެ ނެތަލެންޑް ޑިފެންޑަރ ޑަމްފްރީސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ މާޓިނޭޒްއެވެ. މި ލަނޑަށްފަހު އިންޓަގެ ޑަމްފްރީސްއަށް ވަނީ ލީޑުނަގަން ރަނގަޅު ފުރުޞަތެއް ލިބިފައެވެ. ލާޒިއޯގެ އޭރިއާތެރޭ ހުހަށް ހުރެ ބޮލުން ފޮނުވާލި ހަމަލާ ގޮސްފައި ވަނީ ލާޒިއޯގެ ކީޕަރުގެ އަތުގައި ޖެހި ގޯލުގެ ދަނޑި މަތިން ބޭރަށެވެ.
މެޗުގައި ލާޒިއޯއިން ދެވަނަ ފަހަރަށް ލީޑު ނަގާފައި ވަނީ 75 ވަނަ މިނެޓުގައެވެ. މި ލަނޑު ޕެޑްރޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ލުއިސް އަލްބާޓޯއެވެ. އޭނާ މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ އިންޓަގެ އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
މެޗުގައި ލާޒިއޯއިން ކާމިޔާބުކުރި ތިންވަނަ ލަނޑު 86 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ސްޕެއިންގެ ފޯވާޑް ޕެޑްރޯއެވެ.
މި މޮޅާއިއެކު ލާޒިއޯއަށް ވަނީ ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއި އެކު ތާވަލުގެ އެއްވަނަ ލިބިފައެވެ. އިންޓަ މިވަގުތު އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއި އެކު ތާވަލުގެ ތިންވަނާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!