ކޮމަންވެލްތް ޕާލަމެންޓްރީ އެސޯސިއޭޝަން(ސީޕީއޭ)ގެ މެންބަރު ގައުމެއްގެ ގޮތުގައި އަނެއްކާ ވެސް ރާއްޖެ ހިމަނަން ފާސްކޮށްފިއެވެ.

ސީޕީއޭގައި ރާއްޖެ ބައިވެރިވުމަށް ފެންނަ ކަމަށް ފާސްކޮށްފައިވަނީ މިހާރު ކެނެޑާގައި ކުރިއަށްދާ އެ ޖަމިއްޔާގެ ޖެނެރަލް އެސެމްބްލީގައި، ވޯޓުގައި ބައިވެރިވި ހުރިހާ ގައުމެއްގެ އިއްތިފާގުންނެވެ.

Ad
rt

ރާއްޖެ އަކީ މީގެ ކުރިން ވެސް ކޮމަންވެލްތުގެ ސީޕީއޭގައި އޮތް ގައުމެކެވެ. އެގޮތުން 2000 ވަނަ އަހަރުން ފެށިގެން 2016 އާ ޖެހެންދެން ރާއްޖެ އަކީ ސީޕީއޭގެ ގައުމެކެވެ. ރާއްޖެ ސީޕީއޭއީން ވަކިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކޮމަންވެލްތުން ވަކިވުމާއެކު އެވެ.

އޭރު ރާއްޖެ ކޮމަންވެލްތުން ވަކިކުރީ ރާއްޖޭގެ ދާހިލީ ކަންތައްތަކާ ބެހޭ ކަމުގެ ތުހުމަތު ކުރުމަށް ފަހު އެވެ. އެ ޖަމާއަތުގައި ރާާއްޖެ އަލުން ބައިވެރިވީ ވެރިކަން ބަދަލުވި ފަހުން މި ސަރުކާރުންނެވެ.

އޭގެ ފަހުން 2020 ވަނަ އަހަރު ކޮމަންވެލްތާ އަލުން ގުޅުމަށް ނިންމި ނިންމުމާއެކު އެ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ ސީޕީއޭގައި ބައިވެރިވުމަށް މަޖިލީހުން އެދިފަ އެވެ.

ކޮމަންވެލްތް ޕާލަމެންޓްރީ އެސޯސިއޭޝަނަކީ މެންބަރު ގައުމުތަކުގެ މަޖިލިސް މެންބަރުންގެ ގާނޫނު ހަދާ މަޖިލިސްތަކުން ބައިވެރިވާ ޖަމިއްޔާއެކެވެ. 1911 ވަނަ އަހަރު ހަ މެންބަރު ގައުމާއެކު ފެށި މި ޖަމިއްޔާގައި މިހާރު 55 ގައުމު ހިމެނެ އެވެ. އަދި ނުވަ ސަރަހައްދެއްގައި 180 ބްރާންޗް ވަނީ ގާއިމްކޮށްފަ އެވެ.