ނޫސްވެރިންނަށް މައުލޫމާތު ލިބޭ ގޮތުގެ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ހެއްކާބެހޭ ގާނޫނު ފާސްކޮށްފައިވާތީ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖަރނަލިސްޓްސް (އައިއެފްޖޭ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އައިއެފްޖޭގެ ޓީމެއް ރާއްޖެ އައިސް ނޫސްވެރިންނާއި، އެޑިޓަރުންނާ ބައްދަލުކުރުމަށް ފަހު އެ މައުލޫމާތުތަކާއި އެކު ރިޕޯޓެއް ތައްޔާރުކޮށްފައެވެ. އެ ރިޕޯޓުގައި ރާއްޖޭގެ ނޫސްވެރިކަމަށް ދިމާވާ ދަތިތައް ފާހަގަކޮށްފައިވެއެވެ. އެގޮތުން މިނިވަން ނޫސްވެރިކަމުގެ މާހައުލެއް ފަހިކޮށްދޭނެ ކަމަށް ސަރުކާރުން ވައުދުވީ ނަމަވެސް އެކަމަށް ގިނަ ހުރަސްތަކެއް ހުރިކަން ފާހަގަކޮށްފައިވެއެވެ.

Ad
rt

އައިއެފްޖޭއިން ފާހަގަކުރި ކަންކަން:

  • ނޫސްވެރިޔާގެ މައްޗަށް ނުވަތަ މީޑިއާއަކަށް މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭ ގޮތަށް ހެއްކާ ބެހޭ ބިލުގައި އޮތުން
  • މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި ޕަބްލިކް ސާވިސް މީޑިއާއަށް ސިޔާސީ މީހުން އައްޔަންކުރުމުގެ ސަބަބުން އެ ތަންތަނަށް ސިޔާސީ ނުފޫޒު ފޯރުން
  • ނޫސްވެރިންގެ މުސާރައިން އުނިކުރުމުގެ އުސޫލެއް ފުޅާ ދާއިރާއެއްގައި ގެންގުޅުމުގެ ސަބަބުން މަސައްކަތްތެރިކަމުގެ ހައްގުތައް ނިގުޅައިގަތުން
  • ނޫސްވެރިންނަށް ޕްރޮފެޝަނަލް ތަމްރީނުގެ ފުރުސަތުތަކާއި މީޑިއާގެ ހައްގުތަކާއި ޒިންމާތަކާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ތަމްރީނުގެ ފުރުސަތުތައް ނެތުން
  • އެކަށީގެންވާ މުއްދަތެއްގައި މައުލޫމާތު ނުލިބުމާއި ސަރުކާރާއި ދައުލަތުގެ އެކި ޑިޕާޓްމަންޓްތަކުން މައުލޫމާތު ހޯދައި ލިބިގަތުމަށް ދިގު މުއްދަތެއް ހޭދަވުން
  • ފްރީލާންސް ނޫސްވެރިންނަށް އެކްރެޑިޓޭޝަން ލިބުމުގައި ހުރި ހުރަސްތައް

  • ނޫސްވެރިންނާ ދެކޮޅަށް ކުރާ ކުށްތަކަށް އަދަބު ނުދިނުމުގެ ސަގާފަތް އަދި ދީނީ ގޮތުން ހައްދުފަހަނައަޅައެޅި ފަރާތްތަކުގެ ނުފޫޒުގެ ސަބަބުން މީޑީއާގެ މިނިވަންކަމާއި ސިންދަފާތުކަމަށް އަސަރުކުރާކަން

  • ޝެލް މީޑިއާ ކުންފުނިތައް ރަޖިސްޓްރީކޮށް ވޯޓު ދިނުމުގެ ފުރުސަތު އޮތުމުން މީޑިއާ ކައުންސިލްގެ ސައްހަކަމާއި މެދު ސުވާލުއުފެދުން
  • މަސައްކަތުގެ މާހައުލުގައި ދިމާވާކަންކަމާއި މުޖުތަމައުގެ ވިސްނުމާއި ހެދި ދާއިރާއާ އަންހެނުން ދުރަށް ދިއުން
  • ރަސްމީ ވަޒީފާގެ އެއްބަސްވުން ނެތި ނޫސްވެރިން މަސައްކަތްކުރުން އިތުރުވުން
  • ނޫސްވެރިންގެ ސުލޫކީ މިންގަނޑެއްގެ މުހިންމުކަން
  • ހައްގުތައް ހިމާޔަތްކުރަން ގާނޫނީ އޮނިގަނޑެއް ނެތުން

އެ ޖަމިއްޔާއިން ބުނިގޮތުގައި ރާއްޖޭގެ މީޑިއާގެ ދާއިރާގައި އަދި ވެސް އޮތީ ވަރަށް ބޮޑަށް ސިޔާސީ ވެފައިއެވެ. މީޑިއާގެ ހައްގުތަކާއި މީޑިއާގެ މިނިވަންކަން ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާކަން ކަށަވަރުކުރުމަށްޓަކައި މީޑިއާގެ ހައްގުތަކާއި މީޑިއާގެ މިނިވަންކަން ހިމާޔަތްކޮށް ދިފާއުކުރުމަށް މިހާރަށްވުރެ ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރަށް ސިޔާސީ ނުފޫޒު ފޯރުވުމަށް "ޝެލް މީޑިއާ ކުންފުނި"ތަކުގެ މައްސަލަ ވީހާ ވެސް އަވަހަކަށް ބަލައި އެ ތަހުގީގުގެ ހޯދުންތައް ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ގޮވާލާފައިވެއެވެ.