މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ އަށް ލިބޭ ގެއްލުންތައް ކުޑަކުރާނެ ގޮތްތައް ދެނެގަތުމަށް، އިނގިރޭސި ވިލާތުގެ މެރިން ރިސާޗު ފަޑުންޑޭޝަނަކާ ގުޅިގެން ކަނޑުތަކުގެ ބޮޑު ދިރާސާއެއް ކުރަން ނިންމައިފިއެވެ.

ރައީސް އޮފީހާއި އިނގިރޭސި ވިލާތުގެ މެރިން ރިސާޗު ފަޑުންޑޭޝަން "ނެކްޓަން" ގުޅިގެން ކުރާ މި މަސައްކަތުގެ ތަފްސީލް ހިއްސާކުރައްވައި މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ދިރާސާ ފަށަން ނިންމާފައި ވަނީ އަންނަ މަހު ކަމަށާއި، ދިރާސާ 35 ދުވަހަށް ދެމިގެންދާނެ ކަމަށެވެ.

Ad
rt

މި ދިރާސާގައި ކަނޑުތަކުގެ އެންމެ މަތީ ފަށަލައިގެން ފެށިގެން 1،000 މީޓަރު އަޑި އަށް ސާވޭ ކުރުމަށް ހަމަޖެހިފައިވާއިރު މިއީ ރާއްޖޭގައި މިހާ ފުނަށް ކުރެވޭ ފުރަތަމަ ސާވޭއެވެ. ފީނުމަށް ބޭނުންކުރާނީ ކަނޑުގެ އެންމެ ފުނަށް ދެވޭ ޒާތުގެ "ސަބްމާސިބަލްތަކެއް" ކަމަށް ބުންޏެވެ.

އެކަމުގައި ހަރަކާތްތެރިވަނީ ހިމެނޭ ގޮތަށް އެކި ގައުމުތަކުގެ ސައިންސްވެރިންނާއި ތަޖުރިބާކާރުން ހިމެނޭ ގޮތަށް 40 މީހުންގެ ޓީމެކެވެ. އެގޮތުން ރާއްޖެއިން 16 އަދި ރާއްޖެއިން ބޭރުން އަންނަ 24 ތަޖުރިބާކާރުން ހިމެނޭ އިރު އެންމެ އިސްކޮށް ހަރަކާތްތެރިވާނި ރާއްޖޭގެ 10 މެރިން ސައިންޓިސްޓުންނެވެ.

މި ދިރާސާގައި ކަނޑުތަކުގެ ބޭސްލައިން ހެލްތު ޗެކުކުރުމާއި ފަރުތަކުގެ ހާލަތު ދެނެގަނެ އަދި ކުރިން މައުލޫމާތު އެއްކޮށްފައި ނުވާ ފުނުގައިވާ އެކިއެކި އިކޯސިސްޓަމްސްގެ މައުލޫމާތު އެއްކުރެވޭނެއެވެ. އަދި ހިމާޔަތްކުރަން ޖެހޭ ތަންތަން ދެނެގަނެ ފަރުތަކާއި މަސް އަލާވާ މުހިންމު ތަންތަން ފާހަގަކުރާނެއެވެ. މީގެ އިތުރަށް ރާއްޖޭގެ ކަނޑުގެ 20 ޕަސެންޓް ހިމާޔަތްކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް ބޭނުންވާ މުހިންމު މައުލޫމާތު ލިބޭނެ ކަމަށް ވެސް ބުނެއެވެ.

މީގެ އިތުރަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ އަށް ލިބޭ ގެއްލުން ކުޑަކުރާނެ ގޮތްތައް ދެނެގަންނަން އެ ދިރާސާއިން ލިބޭ މައުލޫމާތު ސައިންސްވެރިންނާއި އަދި ޕޮލިސީ މޭކަރުންނާ ހިއްސާ ކުރާނެ ކަމަށް ބުނެފައިވެއެވެ.