މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް) އިން ޓީޓީއެމް 2022 ގެ އިވެންޓްތަކުގައި ބައިވެރިވެއްޖެވެއެވެ.

މިއީ ލޯކަލް އަދި އިންޓަނޭޝަނަލް ޓޫރިޒަމް ސްޓޭކްހޯލްޑަރުންނާ ގުޅުން ބަދަހިކޮށް ރާއްޖެ އިތުރަށް މާކެޓްކުރުމުގެ މަގުސަދުގައި އެމްއެމްޕީއާރުސީން ބައިވެރިވި ހަރަކާތެކެވެ.

Ad
rt

ޓީޓީއެމް އަކީ ރާއްޖޭގައި ބާއްވާ ފަތުރުވެރިކަމާ ބެހޭ އެންމެ ބޮޑު އެއް ހަރަކާތެވެ. މި ހަރަކާތުގެ ދަށުން ހައިބްރިޑް އެކްޓިވިޓީތަކާއި ތަފާތު އިވެންޓްތައް ހިންގާއިރު، މީގެތެރޭގައި ޓީޓީއެމް ކަނެކްޓް، ޓީޓީއެމް ޓްރެވަލް ސަމިޓް، ޓީޓީއެމް އެވޯޑްސް އަދި ގާލާ ނައިޓް ހިމެނެއެވެ.

ކޮންމެ އަހަރަކު ވެސް ޓީޓީއެމް ހަރަކާތްތަކުގެ ޒަރިއްޔާއިން 500 އަށް ވުރެ ގިނަ ޓްރެވަލް ޓްރޭޑް ޕްރޮފެޝަނަލުންގެ މެދުގައި 3000 އަށް ވުރެ ގިނަ ޕްރީ-ޝެޑިއުލް ބައްދަލުވުން ބާއްވައެވެ.

އެއް ބިލިއަން ޑޮލަރުގެ އަގުހުރި ފަތުރުވެރިކަމުގެ ކޮންޓްރެކްޓް، މި އިވެންޓް މެދުވެރިކޮށް މަޝްވަރާ ކުރެވޭނެ ކަމަށް މި ހަރަކާތް އިންތިޒާމްކުރާ ފަރާތުން މައުލޫމާތުދެއެވެ.

ޓީޓީއެމް ކަނެކްޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭގައި ހުންނަ މީރުމާ ކޮންފަރެންސް ފެސިލިޓީގައި އޮގަސްޓް މަހުގެ 23-25 އަށެވެ. ޓީޓީއެމް ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 25 ވަނަ ދުވަހުގެ ހެނދުނު ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ. އަދި އެދުވަހުގެ ރޭ ކްރޮސްރޯޑްސްގައި ޓީޓީއެމް އެވޯޑްސް އަދި ގާލާ އިވެންޓް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ޓީޓީއެމް ސަމިޓުގައި، "އިވޮލިއުޝަން އޮފް ޑެސްޓިނޭޝަން މާކެޓިން" މި މައުލޫގެ މައްޗަށް، އެމްއެމްޕީއާރުސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވާހަކަދައްކަވާނެއެވެ. އަދި، އެކްސްޕާޓް ސްޕީކަރެއްގެ ހައިސިއްޔަތުން ޕެނަލް ޑިސްކަޝަނެއްގައި ވެސް ތޮއްޔިބް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ވިޒިޓް މޯލްޑިވްސް އަކީ ޓީޓީއެމް 2022 ގެ ޑެސްޓިނޭޝަން ޕާޓްނަރެވެ. މީގެއިތުރުން އުރީދޫ މޯލްޑިވްސް، އައިޑިއާސް، ކްރޮސްރޯޑްސް މޯލްޑިވްސް، ޖަލްބޫޓް، އަލް ޝާލީ މެރިން، އެޗްއާރުއެސް، ލޮޓަސް ބައިކް ޝޮޕް، ރެޑް ކްރިއޭޓިވްސް، މެޑްޓެކް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އަކީވެސް މި ހަރަކާތުގެ ޕާޓްނަރުންނެވެ.