އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ބައި އިލެކްޝަންތައް ކައުންސިލްތަކާ ހަވާލުކުރާގޮތަށް ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.
މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އެވެ. އިސްލާހު ހުށަހަޅުއްވަމުން ރޮޒައިނާ ވިދާޅުވީ މި އިސްލާހު ހުށަހެޅުއްވީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެންބަރަކު އިންތިހާބު ކުރުމަށް ބާއްވަން ޖެހޭ ބައި އިލެކްޝަންތަކަށް ދާ ހަރަދު މިހާރަށްވުރެ ކުޑަކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ދެކޭތީ ކަމަށެވެ. އަދި މި އިސްލާހަކީ ވަރަށް ގިނަ ކައުންސިލުތަކުގެ އެދުމެއް ކަމަށާއި، އަތޮޅު ކައުންސިލުތަކުގެ މަޝްވަރާތަކުގައި ހިނގަނީ ކޮންކަމެއްތޯ އެނގެން ރަށު ކައުންސިލުތަކުން ބޭނުންވާ ކަމަށެވެ.
ލާމަރުކަޒީ ނިޒާމަށް ރޮޒައިނާ ހުށަހެޅި އިސްލާހުގައި ވަނީ އެ ބައި އިލެކްޝަންތައް ބާއްވާނީ އިލެކްޝަންސް ކޮމިޝަނުން ކަނޑަޅާ ތާރީހެއްގައި އަހަރަކު އެއްފަހަރު ކަމަށް ކަނޑައެޅުމަށްވެސް އެދިފައެވެ. އެކަމަކު ކޮމިޓީގެ ކޯރަމް ގެއްލޭނަމަ 60 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހެއެވެ. މީގެ އިތުރުން އަތޮޅު ކައުންސިލުގެ ބައްދަލުވުންތައް ވީޑިއޯ ނުވަތަ އޯޑިއޯ މެދުވެރިކޮށް ރަށު ކައުންސިލުތަކަށް ފެންނާނެ ގޮތެއް ހެދުމަށް ހުށަހަޅާފައިވެއެވެ.
ރޮޒައިނާ ވަނީ ރަށު ކައުންސިލާއި ޑަބްލިއުޑީސީ ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް މިހާރުވެސް ލާމަރުކަޒީ ގާނޫނުގައި އޮންނަ ގޮތް މިހާރަށްވުރެ ސާފުކޮށް ގާނޫނުގައި އޮންނަށް ޖެހޭ ކަމަށް ބުނާ އިސްލާހެއް ވެސް ހުށަހަޅާފައެވެ. ރޮޒައިނާ ވިދާޅުވިގޮތުގައި މިއީ ޑަބްލިއުޑީސީގެ މަސައްކަތްތަކަކީ މުޅިން ކައުންސިލުން ބޭރު މަސައްކަތެއް ކަމަށް ދެކިގެން ކައުންސިލުން އަޅާ ނުލާ ތިބޭ ތިބުން ހުއްޓުވުގެ މަގްސަދުގައި ހުށަހެޅި އިސްލާހެކެވެ.
މީގެ އިތުރަށް މާލީ ގޮތުންނާ އިދާރީ ގޮތުން ޑަބްލިއުޑީސީތަކަށް ކައުންސިލުތަކުން އެއްބާރުލުން ދިނުމާއި، އިދާރީ އިންތިޒާމުތައް ހަމަޖެއްސުމުގައި މިހާރަށްވުރެ ރަނގަޅަށް ރަށު ކައުންސިލާއި ސިޓީ ކައުންސިލުތަކުން މަސައްކަތް ކޮށްދޭން ވާނެ ކަމަށް ބުނާ އިސްލާހެއްވެސް ހުށަހަޅާފައިވެއެވެ.
ރޮޒައިނާ ވިދާޅުވީ ލާމަރުކަޒީ ގާނޫނަށްހުށަހެޅުއްވި މި އިސްލާހުތަކަކީ އެލްޖީއޭ އާއި އިލެކްޝަންސް ކޮމިޝަނާއި މަޝްވަރާ ކުރުމަށްފަހު ހުށަހެޅުއްވި އިސްލާހުތަކެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!