ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމަށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ގައުމީ ކެމްޕޭނެއް ފަށައިފިއެވެ.
"ފަސްގަނޑު' ގެ ނަމުގައި ފެށި މި ކެމްޕޭން އިފްތިތާހުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީއެވެ. މިކެމްޕެއިނުގެ ދަށުން މައިގަނޑު ފަސް ދާއިރާއަކުން އާންމުން ހޭލުންތެރި ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ސިއްހީ، އިޖުތިމާއީ، ތައުލީމީ، ޖެންޑާގެ އިތުރުން އިގްތިސޯދީ ދާއިރާ އެވެ.
އެގޮތުން ފަރުދީ ފެންވަރުން ފެށިގެން ރަށު ފެންވަރުގަޔާއި ސަރަހައްދީ އަދި ގައުމީ ފެންވަރުގައި ކުންޏާއި ވަސީލަތްތައް މެނޭޖްކުރުން ހަރުދަނާކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާނެއެވެ.
މި ޕްރޮގްރާމް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވާރަމަންޓް މިނިސްޓަރ އައިމިނަތު ޝައުނާ ވިދާޅުވީ މިއަދު މިއީ ބޮޑު އަދި ބުރަ މަސައްކަތެއްގެ ފެށުން ކަމަށާއި، މީގެ ނަތީާ ހާސިލްކުރެވޭނީ ވަރަށް ގިނަ ދުވަހުން ކަމަށެވެ. އެގޮތުން މި މަސައްކަތަކީ އޭގެ ނަތީޖާއެއްގެ ގޮތުން އޭގެ ފައިދާ ސިއްހަތަށާއި ތިމާވެއްޓަށް އެތައް ގޮތަކުން ކުރާނެ ކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ނައްތާނުލެވޭ ވަރަށް ކުނި އުފެއްދުމެވެ. ވަކިން ހާއްސަކޮށް އަތޮޅުތެރޭގެ ރަށްތަކުގައި ނައްތާލާނެ ކެޕޭސިޓީ ނެތް ވަރަށް ކުނި އުފައްދަމުން އަންނަކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މިކަންކަން ހައްލުވާނީ މިކަމުގައި އަމިއްލައަށް ޒިންމާ ނަގައިގެން ކަމަށެވެ.
އެގޮތުން ކޮންމެ ބަޔަކު ވެސް ބޭނުންކުރާ ތަކެއްޗަކީ އެއް ފަހަރު ބޭނުންކޮށްފައި އެއްލާލާ އެއްޗަކަށް ހެދުމުގެ ބަދަލުގައި، ކޮންމެ ފަރުދަކަށް ވެސް ތކެތި ރީސައިކަލްކޮށް ގިނައިން ބޭނުންކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!