ބޮޑުކަންނެލި މަސްވެރިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދަން އާހިއްވަރަކާއިއެކު މަސައްކަތް ފަށަން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ) އިން މަޝްވަރާކޮށްފިއެވެ.
ބޮޑުކަންނެލި މަސްވެރިންގެ ހައްޤުގައި ވަކާލާތުކޮށް އަޑު އުފުލުމަށް ބީ.ކޭ.އެމް.ޔޫ ރަޖިސްޓްރީކޮށްފައިވަނީ 2020 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 9 ވަނަ ދުވަހުއެވެ. އެޖަމިއްޔާ ރަސްމީކޮށް އިފްތިތާޙްކޮށް ޙަރަކާތްތަށް ފަށާފައި ވަނީ މަސްވެރިންގެ ދުވަސްކަމަށްވާ އެ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. މި ޖަމިއްޔާ ވުޖޫދުވުމާއެކު މި ޖަމިއްޔާއިން އަންނަނީ ކަންނެލި މަސްވެރިންނާއި ގުޅިގެން ތަފާތު ހަރަކާތްތައް ހިންގައި، ކަންނެލި މަސްވެރިންގެ ހައްގުގައި އަޑު އުފުލައި މިނޫންވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ބީ.ކޭ.އެމް.ޔޫ އިން ބުނީ އެ ޖަމިއްޔާގެ ހިންގާ ކޮމެޓީގެ ބައްދަލުވުމެއް ރޭގައި ބޭއްވި ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ޖަމިއްޔާގެ މެންބަރުންގެ ހުރި ކަންބޮޑުތައް ފާޅުކޮށް، އެކަންކަމާއިގުޅޭގޮތުން މަޝްވަރާ ކުރެވުނުކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
އެ ޖަމިއްޔާއިން ބުނީ މި ބައްދަލުވުމުގައި ބޮކަންނެލި މަސްވެރިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދަން އެ ޖަމިއްޔާއިން އާ ހިއްވަރަކާއިއެކު މަސައްކަތްތައް ކުރިއައްގެންދަން މަޝްވަރާކޮށްފައިވާ ކަމަށެވެ.
ބީކޭއެމްޔޫގެ މެންބަރުގެ ގޮތުގައި 100 އަށްވުރެ ގިނަ ކަންނެލި ދޯނި ހިމެނެއެވެ.
ކަންނެލި މަސްވެރިންގެ މައިގަނޑު ކަންބޮޑުވުންތަކެއްގެ ގޮތުގައި ފާހަގަ ކުރަމުން އަންނަ ކަންކަމަކީ ބޮޑުކަންނެލި ގަނެވޭނެ އެންމެ ދަށް އަގު ކަނޑައެޅިފައި ނެތުމާއި، މިފްކޯއިން ކަންނެލި ގަނެ އެކްސްޕޯޓް ކުރެވޭނެ ގޮތް ނެތުމާއި، މާލޭގެ ބަނދަރުން ޖާގަ ނުލިބުމުގެ މައްސަލައާއި، އިތުރު ބޭރުގެ މާކެޓްތައް ހޯދުމާއި، އަދި ޑިއުޓީއާއި ނުލާ ކަންނެލި ބޭރުކުރެވޭނެ ގޮތް ހަދައިދިނުން ފަދަ ކަންތައްތަކެވެ.
މިދިޔަ އަހަރު ޑިސެމްބަރު 10 ވަނަ ދުވަހު ފާހަގަ ކުރި މި ޖަމިއްޔާގެ އަހަރީ ދުވަހު ކަންނެލި މަޝްވެރިންގެ އަޑު ކަނޑުމަތީ ތިބެ އުފުލާފައިވާއިރު، އެ މަސްވެރިން ތިބި ސަރަޙައްދަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވަނީ ކަންނެލި މަސްވެރިންގެ އަޑު އައްސަވާފައެވެ. އެއަށްފަހު އެމަނިކުފާނު ކަންނެލި ދޯންޏެއްގައި ހުންނަވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައި ވަނީ، ރާއްޖޭގެ ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް އެވަގުތައް ކުރެވެންހުރި ކަންތައްތަކާއި ދިގުމުއްދަތުގައި ކުރެވެންހުރި ކަންތައްތައް، ތަރުތީބެއްގެ ތެރެއިން ކުރަމުން ގެންދަވާނެކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!