ވެރިކަންކުރާ ނިޒާމު ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ކޮންގްރެސް އަށް ހުށަހެޅުއްވި ގަރާރު އަނބުރާ ގެންދަަން ނިންމަވައިފިއެވެ.
އެމްޑީޕީގެ އިސް ބޭފުޅަކު ވަނީ މިކަން "ތިލަދުން" އަށް ކަށަވަރުކޮށްދީފައެވެ. އޭނާ ވިދާޅުވީ އެގޮތަށް ނިންމެވި ނަމަވެސް ރަސްމީކޮށް އަދި އެ ގަރާރު އަނބުރާ ގެންދަވާފައި ނުވާކަމަށެވެ.
ބަރުލަމާނީ ނިޒާމެއް ގެނައުމަށް އެމްޑީޕީ ކޮންގްރެސްއަށް ރުހުން ހޯދަން ނަޝީދު ހުށަހެޅުއްވި ގަރާރާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެކޮޅެވެ. އެ ގަރާރު އަނބުރާ ގެންދަވަން އެމަނިކުފާނު އޮތީ ނަޝީދުގެ އަރިހުން އެދިވަޑައިގެންފަ އެވެ.
ނަޝީދު ގެންދެވީ އެކަން ގަބޫލު ނުކުރައްވައި އެ ގަރާރަށް ކެމްޕެއިން ކުރައްވަމުންނެވެ. އަދި ކޮންގްރެސް ފެށުމަށް ބޭއްވި ޖަލްސާގައި ވެސް ގަރާރު ޕްރޮމޯޓްކުރެއްވިއެވެ.
ރައީސް ނަޝީދު މި ގަރާރު އަނބުރާ ގެންދަވަން ނިންމަވާފައި މިވަނީ ރައީސް ސޯލިހާއި އެކު ދިގު މަޝްވަރާތަކެއް ކުރެއްވުމަށް ފަހުގައެވެ.
މިއަދަކީ އެމްޑީޕީގެ ކޮންގްރެސްގެ ފަހު ދުވަހެވެ. އެ ކޮންގްރެސް ނިންމާ ރަސްމިއްޔާތު މިރޭ އޮންނާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!