އިނގިރޭސި ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ސިޓީ މޮޅުވިޔަނުދީ ނިއުކާސްލއިން ސިޓީ ހިފައްޓައިފިއެވެ. ނިއުކާސަލްގެ ޖޭމްސް ޕާކް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމުނީ 3-3 ގެ ނަތީޖާއިން ދެ ޓީމު އެއްވަރު ވެގެންނެވެ.

މެޗު ފަށައިގެން 5 ވަނަ މިނެޓުގައި ސިޓީއިން ލަޑެއްޖަހާ ލީޑް ނެގިއެވެ. ބާނާޑޯ ސިލްވާގެ އެހީތެރިކަމާއެކު މި ލަޑު ސިޓީއަށް ކާމިޔާބު ކޮށްދިނީ ގުންޑަގަން އެވެ. މިގެއެލް އަލަމެރޮން ގެ ގޯލުން ނިއުކާސަލްއަށް ނަތީޖާ ހަމަ ހަމަ ކޮށްދިނީ މެޗުގެ 28 ވަނަ މިނެޓްގައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ކެލޮމް ވިލްސަން އިތުރު ލަޑެއްޖަހާ މެޗްގެ ނަތީޖާ 3-1 އަށް ބަދަލު ކޮށްލިއެވެ.

Ad
rt

ދެވަނަ ހާފު ފަށައިގެން 54 ވަނަ މިނެޓުގައި ލިބުނު ހިލޭޖެހުމަކުން ސިޓީގެ އެކަޑަމީއިން ތަމްރީނުވި ޓްރިޕިއާ ވަނީ ގޯލެއްޖަހާ ސިޓީ ހާސްކޮށްލާފައެވެ. އޭގެ 6 މިނެޓު ފަހުން ގޯލެއްޖަހައި ސިޓީއިންވަނީ މެޗުގެ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ގޯލު ކާމިޔާބު ކޮށްދިނީ ރޮޑްރީގެ އެހީ ތެރިކަމާއެކު ހާލަންޑް އެވެ. އޭގެ 4 މިނެޓްފަހުން މެޗްގެ 64 ވަނަ މިނެޓްގައި ސިޓީއިންވަނީ މެޗުގެ ނަތީޖާ ހަމަ ހަމަ ކޮށްފައެވެ. މިއީ ޑިބުރައިނާގެ އެހީތެރިކަމާއެކު ސިލްވާ ޖަހައިދިން ގޯލެކެވެ.

މެޗުގައި ސިޓީއިން ގޯލާ އަމާޒުކޮށް ސިޓީއިންވަނީ 10 ހަމަލަާއެއް ފޮނުވައިލާފައެވެ. އެހެންނަމަވެސް އިތުރު ގޯލެއް ކާމިޔާބު ނުކުރެވި މެޗުނިމުނީ 3-3 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

އެންމެ ފަހުން މިދެޓީމު ކުޅުނު މެޗެއް އެއްވަރު ވެގެން ނިމުނީ 2019 ވަނަ އަހަރު ނޮވެމްބަރ މަހު 30 ވަނަ ދުވަހުއެވެ. އެމެޗު ވެސް ކުޅެފައިވަނީ ނިއުކާސްލް ދަނޑުގައެވެ.

އިނގިރޭސި ލީގުގައި އާދީއްތަ ދުވަހުގެރޭ ބްރައިޓަން ވަނީ ވެސްޓްހަމް މައްޗަށް ކުރި ހޯދާފައެވެ. ވެސްޓްހަމް ދަނޑުގައި ކުޅުނު މި މެޗުން ބްރައިޓަން މޮޅުވީ 2-0 ގެ ނަތީޖާއިންނެވެ.