މިދިޔަ ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ގޮތުގައި ފެށި ހިޔާ މަޝްރޫއުގެ ބޮޑު ބައި ނިންމީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވުމަށް ފަހު މި ސަރުކާރުން ކަމަށް ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ހިޔާ މަޝްރޫއަކީ ރައީސް ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކައިގެން އެތަނުގައި ފެށި ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއެވެ. އެ މަޝްރޫއު ނުނިމެނީސް ވެރިކަން ބަދަލުވެ މަޝްރޫއުގެ ބައެއް މަސައްކަތްތައް ނިންމީ މި ސަރުކާރުންނެވެ. އެކަމަކު ރައީސް ޔާމީން ވެރިކަމުން ފޭބި އިރު ފްލެޓު ލިބޭ ފަރާތްތައް ހޮވައި ލިޔުން ވެސް ވީ ހަވާލުކޮށްފައެވެ.

Ad
rt

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްގައި މިއަދު ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ މި ސަރުކާރުން ބޯހިޔާވަހިކަމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި މިދިޔަ ސަރުކާރުން ފެށި މަސައްކަތްތައް ވެސް ނިންމާފައިވާ ކަމަށެވެ.

''ވަރަށް ސާފުކޮށް ކެރިހުރެގެން ދަންނަވާފާނަން، ހިޔާފްލެޓުތަކުގެ ބައެއް ފެލްޓުތަކުގެ ފައުންޑޭޝަން އެކަނި އަޅާފައި ހުރީ އަނެއްބައި ތަންތަން ހުރީ ކޮންމެސް ވަރަކަށް ހަދާ ނިންމާފަ. ބޮޑުބައި އަޅުގަނޑުމެން އެ އޮތް ޕްލޭނާ އެކީ ހަދާ ނިންމާލީ'' އަސްލަމް ވިދާޅުވިއެވެ.

އަސްލަމް މިހެން ވިދާޅުވިއިރު ހިޔާ ފްލެޓުގެ މަސައްކަތް ފެށީ 2017 ވަނަ އަހަރުގެ ޑިސެމްބަރުގައެވެ. ވެރިކަން ބަދަލުވީ 2018 ސެޕްޓެމްބަރުގައެވެ. ހިޔާ ފްލެޓުތަކުގެ މަސައްކަތް އެއްކޮށް ކޮށް ނިންމާލީ 2021 ގައެވެ.