އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސް ފެށުމަށް މިރޭ ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ބަރުލަމާނީ ނިޒާމަށް ވަކާލާތު ކުރައްވައި، ރިޔާސީ ނިޒާމަކީ މަޖުބޫރުވި ނިޒާމެއް ކަމަށް ވިދާޅުވެއްޖެއެވެ.
ބަރުލަމާނީ ނިޒާމެއް ގެނައުމަށް މަސައްކަތްކުރައްވާ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެމްޑީޕީގެ ކޮންގްރެސް އަށް އެމަނިކުފާނު ގަރާރެއް ހުށަހަޅާފައިވާއިރު، އެމަނިކުފާނު އަންނަނީ އެފަދަ ވޯޓަކަށް އެއްވެސް ބަޔަކަށް ނޫނެކޭ ނުބުނެވޭނެ ކަމަށް ވިދާޅުވަމުންނެވެ.
2008 ވަނަ އަހަރު ނެގި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ އަކީ ސައްހަ ނަތީޖާއެއް ނޫން ކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އެއީ އޭރު އިލެކްޝަންސް ކޮމިޝަނުގެ ނަމުގައި ބޯޑެއް ހިފައިގެން ތިބި ބަޔަކު "މަޖުބޫރު" ކުރުވި ނަތީޖާއެއް ކަމަށެވެ. އަދި ގިނަ މީހުން ބޭނުންވަނީ ބަރުލަމާނީ ނިޒާމެއް ކަމަށް ވެސް ވިދާޅުވިއެވެ.
‘’އަޅުގަނޑުމެންގެ މައްޗަށް ރިޔާސީ ނިޒާމެއް މަޖުބޫރުވި ގޮތް އެނގިވަޑައިގަންނަވާނެ. ގާނޫނުއަސާސީ އަށް އަމަލު ކުރަން ފެށުމުގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ ގޮތުގައި އަމިއްލަ އަށް ނަން ބޯޑެއް ޖައްސަވައިގެން ތިއްބެވި ބޭފުޅުންތަކެއް އެ ދުވަހު އެދިވަޑައިގަތް ގޮތަށް ބަދަލު ކުރެއްވީ’’ ނަޝީދު ވިދާޅުވެފަވެއެވެ.
ނަޝީދު ވިދާޅުވީ އޭރު އެ ވޯޓުގައި ކުރި ސުވާލު އަދިވެސް އެ ސުވާލުގެ ގޮތުގައި އެބަ އޮތް ކަމަށާއި، މިފަހަރުގެ ކޮންގްރެސްގައި އެކަމުގެ ބަހުސް މާ ބާރަށް ކުރެވޭނެ ކަން ޔަގީންވާ ކަމަށެވެ.
‘’ޕާޓީއަށް ތާއީދުކުރާ އެތައް ބައެއްގެ ވިންދު، އިހުސާސް، އުއްމީދު ހުރަސްކޮށް ނަގާލައި، ގޮން ޖަހައި ކުރިއަށް ގޮސް އަޅުގަނޑުމެންނަށް ހޯދޭނެ ކާމިޔާބީއެއް ނެތް’’ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީ އަކީ އަބަދުވެސް ބަދަލަށް އެދޭ ބަދަލު ގެންނަ ޕާޓީއެއް ކަމަށާއި، ދެން ވެސް ޕާޓީން މަސައްކަތްކުރަންވީ ރައްޔިތުން އެދޭ ފަދަ ބަދަލަކާ ދިމާލަށް ކަމަށެވެ. އަދި 2023 ގައި ޕާޓީގެ ހުރިހާ މެމްބަރުން އެއް ގަލަކަށް އަރައި އެކުގައި ނުކުމެގެން ނޫނީ ކާމިޔާބީއެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!