ޖިންސީ އަނިޔާ ކުރި ކަމަށް އަންހެނަކު ހުށަހެޅި މައްސަލައެއް، އޭނާ ލައިގެން ހުރި ހެދުމަކީ ރޭޕަށް ''ދައުވަތުދޭ'' ހެދުމެއް ކަމަށް ބުނެ އެ މައްސަލަ ނުބަލަން އިންޑިއާގެ ކޯޓަކުން ނިންމައިފިއެވެ.
މި ނިންމުން ނިންމީ އިންޑިއާގެ ކެރެލާ ސްޓޭޓްގެ ޑިސްޓްރިކްޓް ކޯޓުންނެވެ. އެ ކޯޓުގެ ޖަޖު ވަނީ އަންހެން މީހާގެ ހެދުމުގެ މައްސަލެއް ކަމަށް ނިންމައި އެ މައްސަލައިގައި ހައްޔަރު ކޮށްފައިވާ 74 އަހަރުގެ ފިރިހެން މީހާ ދޫކޮށްލައިފައެވެ.
އެ ކޯޓުގެ ހުކުމުގައި ބުނެފައިވަނީ އަންހެން މީހާ ލައިގެން ހުރީ ވަނާތައް ފެންނަ ހެދުމެއް ކަމަށާއި ނުކުޅެދުންތެރިކަން ހުރި މީހަކަށް އަންހެނަކާ ގަދަ ކަމުން ބެހުމަކީ ގަބޫލު ކުރަން ދަތިކަމެއް ކަމަށެވެ. އަދި އޭނާ ލައިގެން ހުރި ހެދުމުގެ ސަބަބުން އޭނާގެ ބަޔާން ގަބޫލު ކުރެވެން ނެތް ކަމަށްވެސް ވަނީ ބުނެފައެވެ.
މި ހުކުމާއެކު އިންޑިއާގައި ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެ ޤައުމުގެ ދިއްލީ ކޮމިޝަން ފޯ ވިމެންގެ ޗެއާޕާސަން ސްވާތީ މަލިވާލް ވަނީ ޑިސްޓްރިކްޓް ކޯޓުގެ އެ ހުކުމް ބާތިލްކޮށް އެ ކޭސް ހައި ކޯޓުން ބެލުމަށް ގޮވާލައިފައެވެ.
އިންޑިއާގައި އަންހެނުންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތައް ދުވަހަކަށްފަހު ދުވަހެއް އަންނަނީ އިތުރުވަމުންނެވެ. މިފަދަ ނިންމުންތަކުގެ ސަބަބުން ރޭޕިސްޓުންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް އެ ޤައުމުގެ އަންހެނުންގެ ހައްގުތަކާ ގުޅޭގޮތުން ވަކާލާތު ކުރަާ ފަރާތްތަކުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!