ސަރުކާރު ޖަވާބުދާރީ ކުރުވަން ދެން މާބޮޑު މަސައްކަތެއް ނުކުރެވޭނެ: އާދަމް ޝަރީފް

MP Adam Shareef

ސަރުކާރު ޖަވާބުދާރީ ކުރުވަން ދެން ރައްޔިތުންގެ މަޖިލީހަށް މާބޮޑު މަސައްކަތެއް ކުރެވިދާނެކަމަށް ގަބޫލުފުޅު ނުކުރަށްވާ ކަމަށް އިދިކޮޅު ޕީޖީ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ކުރިން ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި އާދަމް ޝަރީފް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް ތިން ވަނަ ދައުރަކަށް ހުޅުވުމަށް އިއްޔެ ކުރިއަށް ދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އާދަމް ޝަރީފް ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް އާ ދައުރަކަށް ހުޅުވިގެން ދިޔަ ނަމަވެސް ރާއްޖޭގެ ސިޔާސީ މަޝްރަޙް މިހާރު ހިނގަމުންދާ ގޮތަށްބަލާއިރު، ރައްޔިތުންގެ މަޖިލީހަށް ދެން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މާ ބޮޑު މަސައްކަތްތަކެއް ކުރެވިދާނެ ކަހަލަ މާޙައުލެއް އޮންނާނެ ކަމަށް ޤަބޫލު ނުކުރަށްވާ ކަމަށެވެ.

''ސަބަބަކީ، މާ ކުރިން ވެސް ސަރުކާރުން ހާމަކޮށްފައި އޮތީ މި މަޖިލިސް އޮތީ ސަރުކާރުގެ މުށުތެރޭގައި ކަމަށް. އަދި އަޅުގަނޑުމެންނަށް ފެންނަމުން މި ދަނީ ވެސް ހަމަ އެ މަންޒަރު'' އާދަމް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިހާރު ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރުގައި ގަބޫލުކުރަން ޖެހެނީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވެސް ސަރުކާރުގެ ނުފޫޒު ގަދަ ވާނެ ކަމަށެވެ. އެހެންކަމުން އިންސާފުވެރިކަމާ އެކު ރިޔާސީ އިންތިޚާބު ބޭއްވޭނެ ކަމާމެދު ވެސް ސުވާލުއުފެދޭ ހިސާބަށް ސަރުކާރުގެ ނުފޫޒު ގަދަވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ކަންތައް ވެގެން ދަނީ މަޖިލީހުގައި ސަރުކާރަށް ނިސްބަތްވާ މެންބަރުންގެ ޢަދަދު ގިނަވުމާއިއެކު، މުއައްސަސާތައް ''ޕެރެލައިޒް'' ކޮށްލުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅޭތީ ކަމަށް އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، ވާދަވެރި ސިޔާސީ ހަރަކާތްތައް ހިންގާ ފަރާތަށް ވެސް މިއަދު ހުރި ގޮންޖެހުންތައް ވަރަށް ގިނަ ކަމަށެވެ. ސިޔާސީ ގޮތުން މިއަދު ވާދަވެރި ބޭފުޅެއްގެ ގޮތުގައި ގައުމުގެ ޙައްޤުގައި ވަކާލާތު ކުރަށްވާ ބޭފުޅަކީ ކުރީގެ ރައީސް ޔާމީން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި