ރާއްޖެ އިން ތިން ޤައުމަކަށް އަލަށް ކަނޑައަޅާ ސަފީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
އެ ތިން ޤައުމަކީ އިންޑިއާ، މެލޭޝިއާ އަދި އެމެރިކާ އެވެ.
އެ ޤައުމުތަކަށް ސަފީރުން އައްޔަނުކުރުމަށް މަޖިލީހުގެ ރުހުން ހޯދަން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ، ހާރިޖީ ގުޅުންތަކުގެ ކޮމެޓީން ދިރާސާކުރި ގޮތުގެ ރިޕޯޓަށް މިއަދު މަޖިލީހުގެ ތަޅުމުގައި ވަނީ ބަހުސް ކުރުން ކުރިއަށް ގެންގޮސްފައެވެ.
އެއަށްފަހު ވޯޓުގެ ގަޑީގައި ވަނީ ރާއްޖެ އިން އެ ތިން ޤައުމަށް އައްޔަނު ކުރަން ރައީސް ފޮނުއްވި ތިން ނަމަށް ވޯޓަށް އަހާފައެވެ. އެ ތިން ނަމަށް ވެސް މަޖިލީހުގެ ރުހުން އޮތް ކަމަށް ފާސްވިއިއިރު، އެ ގޮތަށް ފާސްކުރީ 46 މެމްބަރުންގެ ވޯޓުންނެވެ.
މި އަދު މަޖިލީހުން ސަފީރުކަމަށް ރުހުން ދެއްވި ބޭފުޅުންނަށް ބަލާއިރު، އިންޑިއާ އަށް ކަނޑައަޅާ އާ ސަފީރަކީ ކުރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ފުރުއްވި އިބްރާހިމް ޝަހީބެވެ.
ރާއްޖެ އިން މެލޭޝިއާ އަށް ކަނޑައަޅާ އާ ސަފީރަކީ އަލީ ހުސައިން ދީދީ (އަލިދީ) އެވެ. އަދި އެމެރިކާ އަށް ކަނޑައަޅާ އާ ސަފީރަކީ ކުރީގެ ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މުހައްމަދެވެ.
މީގެ އިތުރުން ޖަރުމަންގައި ހުންނަވާ ދިވެހި ސަފީރު އައިޝަތު ޝާން ޝާކިރު، ނޮން ރެސިޑެންޓް ސަފީރެއްގެ ގޮތުގައި ހަ ގައުމަކަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅާފައިވާ މައްސަލަ ވެސް މިއަދުގެ އެޖެންޑާ ތެރެއިން ކުރިއަށް ގެންގޮސް، އެ މައްސަލަ ވަނީ ދިރާސާކުރަން ހާރިޖީ ގުޅުންތަކުގެ ކޮމެޓީއަށް ފޮނުވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!