ސަރުކާރުން ބޭނުންވާ މަޝްރޫއުތަކަށް ފައިސާ ދޭ ފަރާތްތަކަށް ވެސް ބިން ދޭ ގޮތަށް ''ކްރޮސް ސަބްސިޑީ'' ގަވާއިދު އިސްލާހުކޮށްފިއެވެ.
ކްރޮސްސް ސަބްސިޑީ ގަވާއިދަކީ ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ދައުލަތުގެ އާއްމު މަންފާއަކަށްޓަކައި ހާސިލްކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން، ދުރާލާ އިއުލާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ސަރުކާރުން ހަވާލުކުރާ މުހިންމު މަޝްރޫއެއް ހަވާލު ކުރާ ފަރާތަކަށް ނުވަތަ ފަންޑު ކުރާ ފަރާތަކަށް ރިސޯޓެއް ތަރައްގީ ކުރުމަށް ފަޅެއް ނުވަތަ ބިމެއް ދޫކުރުމަށް ހަދާފައިވާ ގަވާއިދެކެެވެ.
މި ގަވާއިދު މިދިޔަ ޑިސެމްބަރު މަހު އެންމެ ފުރަތަމަ އިއުލާން ކުރިއިރު ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށެއް ނުވަތަ ފަޅެއް ލިބޭނީ ޕްރޮޖެކްޓް ހިންގާ ފަރާތަށެވެެ. ނަމަވެސް މިހާރު ފަންޑު ކުރާ ފަރާތަކަށް ވެސް ރަށެއް ނުވަތަ ފަޅެއް ލިބޭނެއެވެެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ގަވާއިދުގައި ބުނެފައިވަނީ، އެ މަޝްރޫއަކަށް ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދޫކުރާނީ މަޝްރޫއަކަށް ބޭނުންވާ އަދަދަށް ފައިސާ ދިނުމުން ކަމަށެވެ. އެ ފައިސާ ޖަމާކުރަން ޖެހޭނީ އެ ކަމަށް ހާއްސަ ޓްރަސްޓް އެކައުންޓަކަށް ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
އެ ފައިސާ ދިނުމުން ހަރަދު ކުރަން ޖެހޭނީ ކަނޑައަޅާފައިވާ މަޝްރޫއަކަށެވެ. އެ މަޝްރޫއަކަށް ދޭ ފައިސާގެ އެހީން މަޝްރޫއު ހިންގުމަށް ފަހު، ބާކީ ފައިސާ ހުރެއްޖެ ނަމަ، އެހެން މަޝްރޫއަކަށް ވެސް އެ ފައިސާ ބޭނުން ކުރެވޭނެއެވެ.
ކްރޮސް ސަބްސިޑީގެ އުސޫލުން ޕްރޮޖެކްޓެއް ދޫކުރަން ކަނޑައެޅުމުގެ ބާރު ލިބިފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އެ އުސޫލުން އެ މަޝްރޫއެއް ހިންގަން އިއުލާނު ކުރުމަށް ފަހު، ލިބޭ ޕްރޮޕޯސަލްތައް ބަލައި، މަޝްރޫއު އެވޯޑު ކުރާނެ ފަރާތެއް ކަނޑައަޅާނީ އިކޮނޮމިކް ކައުންސިލުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!