ހާލަތާ ކުރިމަތިލުމުގައި އިންސާނުން ބެހެނީ ދެބަޔަކަށެވެ. އެއްބަޔަކީ މުސީބާތުގެ ވަޤުތު މޮޅީގެ ސާލު ލައިގެން މާޔޫސް ވެރިކަމާއެކު އިސްޖަހައިލާ މީހުނެވެ. ދެވަނަ ބަޔަކީ ހިތްވަރުގަދަ މީހުނެވެ.
މިދެންނެވި ދެވަނަ ބާވަތުގެ މީހުން މުސީބާތުގެ ވަޤުތުގައި މާޔޫސްނުވެ އިސްއުފުލާލައި އެކަމާ ކެރިގެން ކުރިމަތި ލައެވެ. ފަސްބެލުމެއްނެތި ކާމިޔާބު ހާސިލު ކުރަން ހަށިފޮޅައިލާ މި ފަދަ މީހުން ތެދުވެއެވެ. އަދި ހަމަ ކާމިޔާބީއަށް ވާސިލުވެއެވެ. މިފަދަ މީހުން އަބަދުވެސް މަސައްކަތް ކުރާނީ އެއްދަރަޖަ ކުރިއަށް ބަލައިގެންނެވެ. މިސާލަކަށް 100 ފޫޓަށް ހިނގަން ބޭނުންވާ މީހާ ވިސްނާނީ 150 ފޫޓަށް ހިނގާށެވެ.
ފުރަތަމަ މި ދެންނެވުނު މީހުންނަކީ މާއްދީއްޔަތަށް ލޯބި ކުރާމީހުނެވެ. މާއްދީ ޖަޒުބާތުގައި ޖެހި އޭނާގެ ފިކުރުތަށްވެސް ގެއްލި ހުސްވަނީއެވެ. މުޖުތަމައުގައި އިހަށް އޮތްގަދަރާ ޢިއްޒަތް ގެއްލިދަނީ ކަމުގައި އޭނާ ދެކެއެވެ. މި ޖަޒުބާތުގެ ސަބަބުން އޭނާ މާއްދިއްޔަތަށް ބޯ ލަނބާ މީހަކަށް ވެގެންދަނީއެވެ. އޭނާ ޤަބޫލު ކުރާގޮތުގައި މުސީބާތުގެ ވަގުތުގައި އެހެންމީހަކު އޭނާގެ އަތުގައި ހިފަންޖެހޭނެއެވެ. އަމިއްލަ އަށް ހަމަ އިސްކޮޅަށް ތެދުވުމަކީ ވާނެ ކަމެއް ނޫން ކަމަށް އޭނާ ޤަބޫލު ކުރަނީ މާއްދިއްޔަތަށް ގޮސް މީހާ ހުސްވެފައިވާ މިންވަރުންނެވެ.
ދެވަނަ އަށް މިދެންނެވުނު މީހުންނަކީ އަމިއްލަ ނަފްސަށް އިތުބާރު ކުރާމީހުނެވެ. މިފަދަ މީހުނަށް ގޮތެއް ހުހެއްނުވާނެއެވެ. މިފަދަމީހުން ހިތަށް އަރާގޮތް ވިސްނާނީ ބުއްދީންނެވެ. އެމީހުން ޤަބޫލުކުރާނީ ކާމިޔާބީގެ ސަފްހާ ލިޔަންޖެހޭނީ އަމިއްލަ އަތުންކަމުގައެވެ.
މުސީބާތެއް ކުރިމަތިވުމަކީ ދިރިއުޅުން ނިމުމެއްނޫނެވެ. މުސީބާތުގެ ޙަޤީޤީ ފައިދާއަކީ އޭގެން ދަރުސް ލިބިގަތުމެވެ. އެހެންނަމަވެސް މުސީބާތުގެ ވަގުތު މިދަރުސް ލިބިގެނެވޭނީ ހަލާކުނުވެ ސަލާމަތްވާ މީހާއަށެވެ. އިސްޖަހާނުލާ އިސް އުފުލައިލާ މީހާއަށެވެ. ދިރިއުޅުމުގެ ހިތިތަޖުރިބާތަކާ ކުރިމަތިލާންޖެހުނަސް، އެކަންތަށްތަށް މަތިން ހަނދާން ނައްތާލައި ވިސްނުމުގެ ގާބިލުކަން ލިބިފައިވާ މީހަކަށެވެ.
މުސީބާތަކީ ހިތި ތަޖުރިބާއެއް ނޫނެވެ. ލިބޭ އަގުހުރި ދަރުސްއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!