އ.ދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ތާއިދު އޮތީ ރިޔާސީ ނިޒާމަށްކަން ހާމަ ކުރައްވާ ރިޔާސީ ނިޒާމުގެ ދިފާއުގައި އެމަނިކުފާނު މިއަދު ނިކުންނަވައިފި އެވެ.
ރިޔާސީ ނިޒާމަށް ތާއީދު ކުރައްވާކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހާމަކުރައްވާފައިވަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ރާއްޖޭގެ ވެރިކަމުގެ ނިޒާމް ރިޔާސީން ބަރުލަމާނީއަށް ބަދަލުކުރަން އެމްޑީޕީގެ ކޮންގްރެސް އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުމެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް މީގެ ކުރިން ކުރައްވާފައިވާ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ތާއީދުކުރަނީ ރައްޔިތުންގެ ސީދާ ވޯޓަކުން ދައުލަތާއި ސަރުކާރުގެ ވެރިޔާ ހޮވުމަށް" ކަމަށެވެ. އަދި ޤާނޫނު ހެދުމުގެ ބާރާއި ސަރުކާރު ޒިންމާދާރުކުރުވުން ރައްޔިތުންގެ މަޖިލީހުގައި އޮތުމަށް ވެސް ތާއީދުކުރައްވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"އަދުލުއިންސާފު ގާއިމްކުރުން ފަނޑިޔާރު ގޭގައި އޮތުމަށް. ޤާނޫނަށް ބޯލެނބުމުގެ ސިފަ ވެރިންގެ ކިބައިގައި ހުރުމަށް."
ތިންބާރު ވަކިވެފައިވާ ރިޔާސީ ނިޒާމަށް ތާއީދުކުރައްވާކަން ހާމަކުރައްވަމުން ޝާހިދު ވިދާޅުވި އެވެ.
ޝާހިދު މިހެން ވިދާޅުވެފައިވާއިރު ބަރުލަމާނީ ނިޒާމު ގެންނަން އެމްޑީޕީ ކޮންގްރެސް އަށް ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރު އަނބުރާ ގެންދަވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ އެދިވަޑައިގަންނަވާފަ އެވެ. އަދި ނިޒާމު ބަދަލުކުރުމަށް ވުރެ ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުން މާ މުހިއްމު ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި އެމްޑީޕީގެ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވެސް ވަނީ ތާއީދުކުރައްވަނީ ރިޔާސީ ނިޒާމަށް ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ނަޝީދަކީ ފެށުނީންސުރެއް ބަރުލަމާނީ ނިޒާމަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ބޭފުޅެކެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކަނޑައަޅަން 2007 ގައި ނެގި ވޯޓުގައި އެމްޑީޕީން ތާއީދުކުރީ ބަރުލަމާނީ ނިޒާމަށެވެ. ޝާހިދު އޭރު އުޅުއްވި ޑީއާރްޕީން ތާއީދުކުރީ ރިޔާސީ ނިޒާމަށެވެ.
އަޅުގަނޑު ތާއީދުކުރަނީ ރައްޔިތުންގެސީދާ ވޯޓަކުން ދައުލަތާއި ސަރުކާރުގެވެރިޔާހޮވުމަށް. ޤާނޫނު ހެދުމުގެބާރާއި ސަރުކާރު ޒިންމާދާރުކުރުވުން ރައްޔިތުންގެ މަޖިލީހުގައި އޮތުމަށް. އަދުލުއިންސާފު ގާއިމްކުރުން ފަނޑިޔާރު ގޭގައި އޮތުމަށް. ޤާނޫނަށް ބޯލެނބުމުގެ ސިފަ ވެރިންގެ ކިބައިގައިހުރުމަށް
— Abdulla Shahid (@abdulla_shahid) August 16, 2022
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރު ސަރުކާރު ހިންގައި ރައީސުލްޖުމްހޫރިއްޔާ ދައުލަތުގެ އެންމެ އިސް ފަރާތުގެ ގޮތުގައި ހުންނަވާ ގޮތަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގެންނަވަން އުޅޭ އިސްލާހް އާއްމުކުރެއްވީ އިއްޔެ އެމަނިކުފާނު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް، އެމްޑީޕީގެ ތާއީދު ހޯދަން ކޮންގްރެސްއަށް ނަޝީދު ހުށަހަޅުއްވާ ޑްރާފްޓުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ހުންނަވާނީ ރަމްޒީ މަގާމެއްގަ އެވެ. ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތަށް އޮތީ ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ އަދި ވޯޓު ދިން މީހުންގެ 35 ޕަސެންޓަށް ވުރެން މަތީ އަޣުލަބިއްޔަތު ހޯދާ ބޭފުޅެކެވެ. އެ އިސްލާހުގައި، ދައުލަތުގެ އެންމެ އިސް ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ކަނޑައަޅައި އެ މަނިކުފާނަށް ލިބިވަޑައިގަންނަވާނެ ބާރުތައް ތަފުސީލްކޮށް ލިއުއްވާފައިވެ އެވެ.
އެމްޑީޕީގައި ދެފެކްޝަނެއް މިފަހުން ވަނީ އުފެދިފަ އެވެ. ނަޝީދުގެ ފެކްޝަނުން ބަރުލަމާނީ ގެންނަން ބޭނުންވިޔަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަޅިން ބޭނުންވަނީ ރިޔާސީ ނިޒާމުގައި ދެ ވަނަ ދައުރެއް ކުރިއަށް ގެންދިއުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!