ބަރުލަމާނީ ނިޒާމުން ރައްޔިތުން ހާލުގައި ޖެހުން ނޫން ކަމެއް ނުވާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރަން ބޭނުންފުޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އިސްވެ ހުންނަވާ އެ މަސައްކަރް ފައްޓަވާފައިވާއިރު، އެކަމާ ގުޅިގެން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކުރެއްވި ޓުވީޓުގައި ވަނީ އޭނާ އެކަމާ ދެކޮޅުކަން ހާމަކުރައްވާފައެވެ.

Ad
rt

މިނިސްޓަރ އިމްރާން ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ ރާއްޖެ އަށް އެކަށޭނެ ނިޒާމެއް ނޫން ކަމަށާއި، ރާއްޖޭގެ މިއަދުގެ ހާލަތުގައި ބަރުލަމާނީ ނިޒާމު ގެނެސްފި ނަމަ ސިޔާސީ ހަމަޖެހުން ގެއްލި، އަވަސް އަވަހަށް ސަރުކާރު ބަދަލުވެ، ރައްޔިތުން ބައިބައިވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މިވާހަކަ ރަސްމީކޮށް ފައްޓަވާފައި މިވަނީ އެމްޑީޕީގެ ކޮންގްރެސްއަށް އެކަން ހުށަހެޅުމަށް ފަހުގައެވެ.