އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީއާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގައި، ޗެލްސީ މޮޅުވާން ދަނިކޮށް ފަހުވަގުތު ލަނޑުޖަހައި ޓޮޓެންހަމުން ޗެލްސީ މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ.
ޗެލްސީގެ ސްޓެމްފޯޑް ބްރިޖް ސްޓޭޑިއަމްގައި މިރޭ ޓޮޓެންހަމްއާއި ބައްދަލުކުރި މެޗު ނިމިފައި ވަނީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެ ޓީމުން މެޗުގައި ލީޑް ނަގާފައި ވަނީ 19 ވަނަ މިނެޓުގައި ކުލިބާލީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މި ލަނޑު ކުލިބާލީ ޖަހާފައިވަނީ ކުކުރެއްލާ ނަގައިދިން ކޯނަރަކުން ތަނަވަސްވީ ފުރުޞަތެއްގައެވެ.
މެޗުގެ ދެވަނަ ހާފުގައި ޓޮޓެންހަމުން ކުޅުން ރަނގަޅުކުރިތަން ފެނިގެން ގޮސްފައިވާއިރު، މެޗުގައި ނަތީޖާ ފުރަތަމަ ފަހަރަށް ހަމަހަމަ ކުރުމަށް އެންމެ ރަނގަޅު ފުރުޞަތެއް ލިބިފައި ވަނީ ހެރީ ކޭންއަށެވެ. ކޭން ޗެލްސީގެ އޭރިއާތެރެއަށް ހުސްކޮށް ގޮސް ބޯޅަ ހިފައިގެން ވަދެ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ.
މެޗުގައި ފުރަތަމަ ފަހަރަށް ޓޮޓެންހަމުން ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ 68 ވަނަ މިނެޓުގައި އެ ޓީމްގެ ހޮއިބިއާ ޗެލްސީގެ އޭރިޔާ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ލަނޑުންނެވެ.
މި ލަނޑު ޖެހުމުގެ އިރުކޮޅެއް ކުރިން ޓޮޓެންހަމްގެ ހާފްގެ ތެރެއިން ޗެލްސީގެ ފޯވާޑް ކައި ހަވާޓްޒްއަށް ޓޮޓެންހަމްގެ ބެންޓެންކުއާ ކުރި ޓެކުލްއަކާއި ގުޅިގެން މެޗުގެ ރެފްރީ އެއީ ފައުލެއް ނޫންކަމަށް ނިންމުމުން ޗެލްސީގެ ކޯޗް ޓުޗެލް ވަނީ، ޓޮޓެންހަމް ލަނޑުޖެހި ވަގުތު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. އެވަގުތު ދެ ޓީމްގެ ކޯޗުންގެ މެދުގައި ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އުފެދުނުތަން ވަނީ ފެނިގެން ގޮސްފައެވެ. އެ ވަގުތު ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން ރެފްރީވަނީ ޓޮޓެންހަމްގެ ކޯޗް ކޮންޓޭއަށް ރީނދޫ ކާޑެއް ދައްކާފައެވެ.
ބައިކޮޅަށް ވަތް ލަނޑާއިއެކު ޗެލްސީން އިތުރަށް ކުޅުން ރަނގަޅުކުރިތަން ވަނީ ފެނިގެން ގޮސްފައެވެ. މިގޮތުން އެ ޓީމުން ޓޮޓެންހަމްގެ ގޯލަށް ބާރު ބޮޑުކުރިއިރު، މެޗުގައި ޗެލްސީން ދެވަނަ ފަހަރަށް ލީޑުނަގާފައި ވަނީ 77 ވަނަ މިނެޓުގައި ރީސް ޖޭމްސް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މި ލަނޑު ޖެހުމަށް ފުރުޞަތު ތަނަވަސް ކޮށްދީފައި ވަނީ ސްޓާލިންއެވެ.
ޗެލްސީން ދެވަނަ ފަހަރަށް ލީޑު ނެގުމާއިއެކު، ޗެލްސީގެ ކޯޗް ޓުޗެލް ވަނީ ޓޮޓެންހަމްގެ ބެންޗް ކުރިމަތިން ދުވެ ވަރަށް ބޮޑަށް އުފާފާޅު ކޮށްފައެވެ.
ޓޮޓެންހަމުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ހަ މިނެޓްގެ ތެރޭގައެވެ. އިތުރު ވަގުތުގެ ވެސް ފަހުވަގުތު އެ ޓީމަށް ލިބުނު ކޯނަރު ޕެރިސިޗް ނަގައިދިންއިރު، ކޭން ވަނީ ބޮލުން ޖަހައި އެ ބޯޅަ ޗެލްސީގެ ގޯލުގެ ތެރެއަށް ވައްދާލާފައެވެ.
މެޗު ނިމުމާއިއެކު ދެ ކޯޗުން ސަލާމްކުރި ވަގުތު އަނެއްކާވެސް ދެ ކޯޗުންގެ ދެމެދު މައްސަލަ ހޫނުވެގެންދިޔަތަން ވަނީ ފެނިގެން ގޮސްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ރެފްރީވަނީ ދެ ކޯޗުންނަށް ވެސް ރަތްކާޑު ދައްކާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!