މި ހަފްތާގެ ހުކުރު ދުވަހުގެ ރޭ ސްޕެނިޝް ލަލީގާގެ ކުޅުން ފަށާފައިވާއިރު، ބާސެލޯނާއިން ސީޒަންގެ ފުރަތަމަ މެޗުގައި ރޭ ރަޔޯ ވަޔެކާނޯއާއި ދެކޮޅަށް ކުޅުނު މެޗު އެއްވަރު ވެއްޖެއެވެ. ބާސާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 0-0 ގެ ނަތީޖާއަކުންނެވެ.

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޓްރާންސްފާ މާކެޓުގައި ކުޅުންތެރިން ހޯދުމުގައި އެންމެ ބުރަ މަސައްކަތްތަކެއް ކުރި އެއް ކުލަބަކީ ބާސާއެވެ. މި ގޮތުން އެ ޓީމުން ވަނީ މުހިންމު ފަސް ކުޅުންތެރިއެއްގެ ސޮއި ސީޒަން ފެށުމުގެ ކުރިން ހޯދާފައެވެ. އެއީ ރޮބާޓް ލެވަންޑޯސްކީއާއި އަންޑްރެސް ކްރިސްޓެންސެން، ރަފީނިއާ، ފްރޭންކް ކެއިސޭގެ އިތުރުން ކޫންޑޭއެވެ.

Ad
rt

ލަލީގާގެ ފައިނޭންސިއަލް ޕޮލިސީގެ ސަބަބުން ކުޅުންތެރިން ރަޖިސްޓަރީ ކުރުމުގައި ބާސާއަށް ގޮންޖެހުންތަކެއް ކުތިމަތިވީ ނަމަވެސް ކޫންޑޭ ފިޔަވައި ދެން ތިބި ކުޅުންތެރިންގެ ރަޖިސްޓްރީގެ ކަނަކަން ރޭގެ މެޗު ފެށުމުގެ ކުރިން ބާސާއިން ވަނީ ނިންމާފައެވެ. މިގޮތުން މެޗަށް ނެގި ޓީމްގައި ބާސާގެ ކޯޗް ޒަވީ ވަނީ އެ ކުޅުންތެރިން ހިމަނާފައެވެ.

ބާސާއިން މުޅި ގޭމް ޑޮމިނޭޓް ކޮށްގެން މޮޅަށް ކުޅުނު ނަމަވެސް ވަޔެކާނޯއިން ވެސް ވަނީ މެޗުގައި މޮޅު ޑިފެންސެއްކޮށް ކައުންޓަ އެޓޭކްގައި ބާސާގެ ގޯލަށް ނުރައްކާ ކޮށްފައެވެ.

މެޗުގެ 12 ވަނަ މިނެޓުގައި ލިބުނު ފުރުޞަތެއްގައި ލެވަންޑޯސްކީވަނީ ވަޔެކާނޯގެ ގޯލަށް ބޯޅަ ވައްދާލާފައެވެ. ނަމަވެސް އެ ބޯޅަ ލިބުނުއިރު ލެވަންޑޯސްކީ އޮފްސައިޑްގައި ހުރުމުން އެ ރެފްރީ ވަނީ އެ ލަނޑު ބަލައި ނުގަނެފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ލަނޑުޖަހާނެ އެނެމެ ރަނގަޅު ފުރުޞަތެއް ލިބިފައި ވަނީ ވަޔެކާނޯއަށެވެ. އެ ޓީމުން ކައުންޓަ އެޓޭކެއްގައި އުފެއްދި ނުރައްކާތެރި ހަމަލާ ހުޝިޔާރުކަމާއިއެކު ދިފާއު ކޮށްފައި ވަނީ ބާސާގެ ކީޕަރެވެ.

މެޗުގެ ދެވަނަ ހާފުގައި ބާސާގެ ފޯވާޑް އަންސޫ ފާޓީ ފޮނުވާލި ބޯޅަ ވަޔެކާނޯގެ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ. މެޗުގެ ފަހުކޮޅު ބާސާގެ ފޯވާޑް އޮބާމެޔަން ފޮނުވާލި ހަމަލާ ގޯލުގެ ތެރެއަށް ވަދެވަދެ އޮއްވައި ވަޔެކާނޯގެ ޑިފެންޑަރުން ވަނީ އެ ބޯޅަ ބްލޮކް ކޮށްފައެވެ.

މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ބާސާގެ ކެޕްޓަން ސާޖިއޯ ބަސްކެޓްއަށް ވަނީ ދެވަނަ ރީނދޫ ކާޑާއި އެކު ރަތް ކާޑު ދައްކާފައެވެ. އޭނާއަށް ދެވަނަ ރީނދޫ ކާޑް ދައްކާފައި ވަނީ ވަޔެކާނޯގެ ފޯވާޑް ފަލްކާއޯއަށ އުޅަނބޮށިން ހަމަލާ ދިނުމާއި ގުޅިގެންނެވެ.