ސޯޝަލް މީޑިއާގައި މާތްﷲ އާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މުހައްމަދު ރުސްތުމް މުޖްތަބާއަށް ހަތަރު މަހުގެ ޖަލު ހުކުމެއް މިއަދު އިއްވިޔަސް، އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ މިއަދު މިިނިވަންވެއްޖެ އެވެ.

ރުސްތުމްގެ މައްޗަށް ދައުލަތުން ކުރި ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއަށް އޭނާ ވަނީ އިއުތިރާފްވެފަ އެވެ.

Ad
rt

ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ކުށުގައި އޭނާގެ މައްޗަށް އިއްވީ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގައި އޭނާއަށް އައީ 13 ދުވަހުގެ ޖަލު ހުކުމެކެވެ.

އެކަމަކު އޭނާ ބަންދުގައި މިހާތަނަށް ހަ މަސް ދުވަސް ހޭދަކޮށްފައިވާތީ އާއި އެ މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރަން ޖެހޭތީ އޭނާ އިތުރަށް ތަންފީޒު ކުރަންޖެހޭ އަދަބެއް ނެތް ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައިވެ އެވެ.

ގާނޫނުލް އުގޫބާތުގައި އިސްލާމްދީނަށް ފުރައްސާރަކުރުމުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ. އަދި އޮރިޔާން ކާޑު ގެންގުޅުމުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު ކުށަށް އިއުތިރާފްވެއްޖެ ނަމަ، އަދަބު ކުޑަވާނެ އެވެ.

އަދަބުގެ މިންވަރު ވަކި ހާލަތްތަކެއްގައި ބޮޑުކުރުމުގެ ފުރުސަތު އޮތަސް، ދައުލަތުން ރުސްތުމްގެ މައްސަލާގައި އެގޮތަށް އެދިފައެއް ނެތެވެ. ރުސްތުމް ވެސް މިއަދު ކޯޓުގައި އަދަބާ ބެހޭގޮތުން އެއްޗެއް ނުބުނެ އެވެ.