ބަދުއަހުލާގީ ވީޑިއޯތަކާއި، ބައެއް މަރުތަކުގެ ރިޕޯޓުތައް ގެންނައިރު، އެއްވެސް ސެންސަރެއް ނެތި އެކަން ކުރާތީ އެޑިޓަރސް ގިލްޑުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެޑިޓަރުންގެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ބިދޭސީއަކު ގިނަ ބަޔަކާ އެކު އެއްޖިއްސުން ގުޅުން ހިނގި ކަމަށް ބުނެ ލީކްވެފައިވާ ވީޑިއޯތައް ބައެއް މީޑިއާތަކުން ރިޕޯޓުކުރާއިރު އެ މަންޒަރުތައް ލޮލަށް ސާފުވާހެން ވެސް ބޭނުންކުރަމުން އަންނަ ކަމަށެވެ.
އެއްޖިއްސުން ގުޅުން ހިންގުމަކީ މާތްالله ނަކީ ކުރައްވާފައިވާ ބޮޑު ފާފައެއް ކަމަށް ވާއިރު އެ ފާހިޝް އަމަލު ހިންގުމަކު އާންމު އާދައިގެ ކަމެއް ކަމަށް އާންމުންނަށް ވިސްނޭ ދަރަޖައަށް އެކަމުގެ ހަބަރުތައް ގެނެސްދި އެކަންކަން އާންމު ކުރުމަކީ ޒިންމާދާރު މީޑިއާއަކުން ކުރާނޭ ކަމެއް ނޫން ކަމަށް ބުނެ އެ ޖަމިއްޔާއިން ބުނީ މެއިންސްޓްރީމް މީޑިއާތަކުން އެކަން އެގޮތަށް ކުރުމުން މުޖުތަމައު ތެރޭގައި އެކަމުގެ ސީރިއަސްކަން ކެނޑި އެއީ މައްސަލައެއް ނޫން ގޮތުގައި ބެލެވޭނެ ކަމަށެވެ.
ބައެއް މީޑިއާތަކުން ހަބަރު ރިޕޯޓުކޮށްފައިވާގޮތަށް އަލިއަޅުވާލައި އެ ޖަމިއްޔާއިން ބުނީ ވަކިވަކި ސުރުހީތަކުގައި އެ އަމަލު ހިންގި ގޮތް ތަފްސީލުކޮށް ލިޔެ ފޮޓޯތަކާއި ވީޑިއޯތަކާއި ލިޔުންތައް އެކި ސިފަސިފައިގައި ޝާއިއުކުރަމުން އަންނަ ކަމަށެވެ. އެގޮތަށް އެކަން ކުރުމުން މަޝްހޫރުކުރެވެނީ އެ އަމަލު ކަން ފާހަގަކޮށް ބުނީ އޭގެ ބަދަލުގައި މައްސަލާގައި ތަހުގީގާއި، ގާނޫނުގައި ކަނޑައަޅާފައިވާ އަދަބު ދިނުމަށް ކަމާ ގުޅުން ހުރި މުއައްސަސާތައް ޒިންމާދާރުކޮށް ބާރު އެޅުމަށް ގޮވާލާފައިވެއެވެ.
ވަކިން ހާއްސަކޮށް މިކަން ރިޕޯޓުކުރާއިރު، އާންމުންގެ މީހަކާއި،ވަކި މަގާމެއްގައި ހުރި މީހަކު ފާހަގަކޮށް ވަކި މީހަކު ބަދުނާމުވާނެ ގޮތަށް އެކަން ނުކުރުމަށް ވެސް ގޮވާލާފައިވެއެވެ.
އެމީހުންގެ މައުލޫމާތުތައް އާންމުކުރާއިރު، އެކަމުގެ ސަބަބުން އެފަދަ ފަރާތްތަކުގެ އާއިލާއަކާ ކުޑަކުޑަ ކުދިންގެ މުސްތަގުބަލަށް ކޮށްފާނެ ނޭދެވޭ އަސަރުތަކާ ދޭތެރޭ ވެސް ވިސްނާލުމަށް އިލްތިމާސްކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!