އެއް ޖިންސުން ގުޅުން ހިންގި ބައެއްގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވެ އެކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުން ދޫކޮށްލުމަށް އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ ހިއުމަން ރައިޓްސް ވޮޗުން ގޮވާލައިފިއެވެ.
އަލަމް ގިރި ނަމަކަށް ކިޔާ ބިދޭސީ އަކާއި އެކު އެއް ޖިންސުން ގުޅުން ހިންގި ބައެއްގެ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެ، އޭގެ ފަހުން އެ ނޫން ވެސް ބައެއް މީހުންގެ ވީޑިއޯ އާންމުވެފައިވާއިރު، މި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި، ކާނަލް މުހައްމަދު ނަޝީދާއި، ނޫސްވެރިޔާ ނަސީރު ވެސް ވަނީ ހައްޔަރުކޮށްފައެވެ.
މީގެ އިތުރުން ވެސް ރައްޔިތުންގެ މަޖިލީހާއި، އިސްލާމިކް މިނިސްޓްރީ އަދި ކަސްޓަމްސް ފަދަ ސަރުކާރު އިދާރާތަކެއްގެ މުވައްޒަފުން ވެސް މި މައްސަލާގައި ސަސްޕެންޑްކޮށްފައިވާއިރު، ބައެއް ސްކޫލްތަކުގެ ޓީޗަރުން ވެސް ވަނީ ސަސްޕެންޑުކޮށްފައެވެ. އަދި މިކަމުގެ ތުހހުމަތުވާ މީހުންގެ ޕާސްޕޯޓު ވަނީ ހިފަހަތައްޓާފައެވެ.
މި މައްސަލާގައި ކޮއްކޮ ނާޒިމް ހައްޔަރުކުރުމާއި އެކު ރައީސް ނަޝީދު ވަނީ އޭނާގެ ދިފާއުގައި ނިކުންނަވާފައެވެ. އަދި މިކަމުގައި އެމަނިކުފާނު ޓުވީޓުކުރެއްވީ އިނގިރޭސި ބަހުންނެވެ.
ބައިނަލްއަގުވާމީ ޖަމާއަތްތަކުގެ ސަމާލުކަމަށް މިކަން އައިސް ހިއުމަން ރައިޓްސް ވޮޗް އިން ނެރިފައިވާ ބަޔާނުގައިވަނީ ރައީސް ނަޝީދު ދެއްކެވި ވާހަކަތައް ތަކުރާރު ކޮށްފައެވެ. އެގޮތުން އެ ބަޔާނުގައި ވަނީ ރައީސް ސާލިހުގެ ސަރުކާރުން އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކުރީ ހަރުކަށި ފިކުރުގެ ބަޔަކު ރުއްސުމަށެވެ.
ދިވެހިރާއްްޖޭގެ ގާނުނުގައި އެއްޖިންސުން ގުޅުން ހިންގުން ފަދަ އަމަލުތައް މަނާ ކޮށްފައިވުން، ބައިނަލްއަގުވާމީ، އިންސާނީ ހައްގުތަކުގެ އުސޫލުތަކާއި، މިންގަނޑުތަކާއި ހިލާފު ކަމަށް ބުނެ ރާއްޖޭގައި އެ މައްސަލާގައި މީހުން ހައްޔަރުކޮށްފައި ވަނީ ނުހައްގުން ކަމަށް ވެސް ބުނެފައިވެއެވެ.
އދ އިން ބަލަހައްޓަމުންދާ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ މިންގަނޑުތަކާއި ހިލާފުވާކަމެއް ކަމަށް ވެސް ބަޔާނުގައިވެއެވެ. އެހެންވެ މިހާރުން މިހާރަށް އެމީހުން ދޫކޮށްލައި މައްސަލަ ބެލުން ހުއްޓާލަން ގޮވާލާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!