ދިވެހި ނޫސްވެރިންނަށް އިތުރު ތަމްރީނު ފުރުޞަތުތަކެއް ހޯދައި ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ރާއްޖޭގައިހުންނަ ޖަޕާންގެ އެމްބަސީގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.

މިބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ރާއްޖޭގައި ހުންނަ ޖަޕާނު އެމްބަސީގަ އެވެ.

Ad
rt

މި މަޝްވަރާ ތަކުގައި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ، ކައުންސިލުގެ ރައީސް އަލްފާޟިލް މުޙައްމަދު ޝަފާޢު ހަސަން، މެންބަރު އަލީ ހުސައިން، މެންބަރު އިބްރާހިމް ފައުޒީ އަދި ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ޑރ. އިބްރާހީމް ސަމީރެވެ. ޖަޕާން އެމްބަސީގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެމްބަސެޑަރ އެކްސްޓްރާ އޯޑިނަރީ އެންޑް ޕްލެނިޕޮޓެންޝަރީ ހާ އެކްސެލެންސީ މިސް ޓަކެއުޗީ މިޑޯރީ އަދި ރިސާޗާ/އެޑްވައިޒާރ މިސްޓަރ އޯޓާ ޔޮޝޫ އެވެ.

އެމްއެމްސީން ބުނީ މިއީ، ދިވެހި ނޫސްވެރިން ތަމްރީނުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން، ޖަޕާނުގައި ތަޢުލީމީ ހިދުމަތްދޭ މުއައްސަސާތަށް މެދުވެރިކޮށް ނޫސްވެރިންނަށް ތަމްރީނު ފުރުޞަތުތަކެއް ހޯދައި ދިނުމަށް އެބައްދަލުވުމުގައި މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ ޖަޕާނަށް ދިވެހި ނޫސްވެރިން ފީލްޑް ޓްރިޕް ފޮނުވުމަށާއި އެމް.އީ.އެކްސް.ޓީ ސްކޮލާޝިޕް ޕްރޮގްރާމްތަކެއް ނޫސްވެރިންނަށް ހޯދައިދިނުމާ އަދި ކުރިއަށް އޮތް ދުވަސްތަކުގައި ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭގޮތުންކަމަށް އެފަރާތުން ބުންޏެވެ.

ދިވެހި ރާއްޖޭގައި ހުންނަވާ ޖަޕާންގެ އެމްބަސެޑަރ އެކްސްޓްރާ އޯޑިނަރީ އެންޑް ޕްލެނިޕޮޓެންޝަރީ ހާ އެކްސެލެންސީ މިސް ޓަކެއުޗީ މިޑޯރީ، ވަނީ ދިވެހި ނޫސްވެރިންނަށް ތަމްރީނު ފުރުޞަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން އެކައުންސިލަށް ދެއްވާފައިވާކަމަށް ވެސް ފާހަގަ ކުރިއެވެ.

އެމްއެމްސީން މީގެ ކުރިންވެސް ރާއްޖޭގައި ހުންނަ އެމްބަސީތަކާއި ބައްދަލުކޮށް މިފަދަ ފުރުޞަތުތައް ނޫސްވެރިންނަށް ހޯދުމަށް މަސައްކަތް ކޮށްފައިވެއެވެ. އެގޮތުން މިމަހުގެ 21 ވަނަ ދުވަހު 20 ނޫސްވެރިން އިންޑިޔާއަށް ތަމްރީން ޕްރޮގުރާމެއްގައި ދިއުމަށްވަނީ ހަމަޖެހިފަ އެވެ.