މިއަހަރު ރާއްޖެއަށް އަންނަ އެއް މިލިއަން ވަނަ ފަތުރުވެރިޔާ މާދަމާ ރާއްޖެ އަންނާނެ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި އުފާވެރި މުނާސަބަތާ ގުޅިގެން މާދަމާ ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާނެއެވެ. ކޮންމެ އަހަރަކުވެސް ރާއްހެއަށް އަންނަ ފުރަތަމަ ފަތުރުވެރިޔާ އަދި އެއް މިލިއަން ފަތުރުވެރިޔާ އަށް ކުލަ ގަދަކޮށް މަރުހަބާ ކިޔައެެވެ.

Ad
rt

އެމްއެމްޕީއާރުސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުޙައްމަދު ވަނީ ބައިނަލްއަޤްވަމީ ގޮތުން ކުރިމަތިވި އެކި ގޮންޖެހުންތަކާއެކު ވެސް މި ކާމިޔާބީ ހަޤީޤަތަކަށް ހެދުމުގައި ޝާމިލްވި ހުރިހާ ފަރާތްތަކަށް ތައުރީފު ކުރައްވާ، ޝުކުރުއަދާކުރައްވާފައެވެ. އޭނާ ވިދާޅުވީ އެއް މިލިއަން ފަތުރުވެރިން ހަމަވިނަމަވެސް ރާއްހެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ބާއްވަން ކުރާ މަސައްކަތް ނިންމާލެވެން ނެތް ކަމަށެވެ.

"އަޅުގަނޑުމެން މި ކާމިޔާބީ ފާހަގަކުރާއިރު، އަޅުގަނޑުމެންގެ މަސައްކަތް މިހާ ހިސާބުން ނިމުނީކީ ނޫން. ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަންގެ ގޮތުގައި ދެމިހުރުމަށް، އަދި މި ވާދަވެރި ޒަމާނުގައި މަންޒިލްގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ހިތްވަރާއެކު ކުރިއަށް ގެންދަންޖެހޭ. އެމްއެމްޕީއާރުސީއިން ހުއްޓުމެއްނެތި މިދަނީ ސަނީ ސައިޑް އޮފް ލައިފް ދުނިޔޭގެ ފެންވަރުގައި ޕްރޮމޯޓުކުރުމުގެ މަސައްކަތް ކުރަމުން." ތޮއްޔިބު ވިދާޅުވިއެވެ.

މިއަހަރުގެ ކުރީކޮޅު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ 2022 ވަނަ އަހަރު ރާއްޖެއިން 1.6 މިލިއަން ފަތުރުވެރިންނަށް މަރުޙަބާ ކިއުމަށް ލަނޑުދަނޑި ކަޑައަޅާފައިވާކަން އިއުލާން ކުރައްވާފައެވެ.

މި އަހަރުގެ ޖުލައި 31 ގެ ނިޔަލަށް 136،828 ފަތުރުވެރިންނާއެކު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާއިންނެވެ. ރާއްޖެއަށް 2 ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އައި މާކެޓެއްގެ ގޮތުގައި އޮތީ 109،926 ފަތުރުވެރިންނާއެކު އިނގިރޭސިވިލާތެވެ.

މި އަހަރު ރާއްޖެއަށް ދެން އެންމެ ގިނައިން ފަތުރުވެރިން އައި މާކެޓްތަކުގެ ތެރޭގައި ހިމެނެނީ 101،409 ފަތުރުވެރިންނާއެކު ރަޝިޔާ، 76،224 ފަތުރުވެރިންނާއެކު ޖަރުމަނުވިލާތް އަދި 53،588 ފަތުރުވެރިންނާއެކު އިޓަލީއެވެ.

މި އަހަރުގެ މިހާތަނަށް ގަދަ 10 ސޯސް މާކެޓްގެ ލިސްޓުގައި ދެން ތިބި ޤައުމުތަކުގެ ތެރޭގައި އެމެރިކާ، ފަރަންސޭސިވިލާތް، ސައުދީ އަރަބިއްޔާ، ސްވިޒަލޭންޑް، އަދި ސްޕެއިން ހިމެނެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން ދުނިޔޭގައި ފެތުރެންފެށި ފަހުން، ޙާއްސަކޮށް ބައިނަލްއަގްވާމީ ދަތުރުފަތުރަށް ޗައިނާގެ ބޯޑަރުތައް ބަންދުކުރި ފަހުން، އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ތިން މާކެޓުގެ ލިސްޓުގައި ހިމެނި އެމަޤާމް ދަމަހައްޓާފައިވާ ގައުމެކެވެ. ޗައިނާގެ ބޯޑަރުތައް އަދިވެސް އޮތީ ބައިނަލްއަގްވާމީ ދަތުރުފަތުރަށް ބަންދުކޮށްފައެވެ.