މެލޭޝިޔާގެ ޔޫ.ސީ.އެސް.އައި ޔުނިވާސިޓީއިން މަތީތައުލީމު ޙާސިލްކުރުމަށް 21 ސްކޮލާޝިޕްގެ ފުރުސަތު، މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަންއިން ހުޅުވާލައިފި އެވެ.
ހަޔާ އެޑިޔުކޭޝަނުން މިއަދު ކުރި ޢިއުލާނެއްގައި ބުނެފައިވާގޮތުން މެލޭޝިޔާގެ ޔޫ.ސީ.އެސް.އައި ޔުނިވާސިޓީއިން ތިން ގިންތިއަކުން 21 ފުރުސަތެއް ވަނީ ހުޅުވާލާފައެވެ. އެއީ ޕީ.އެޗް.ޑީއަށް ކިޔެވުމުގެ ދެ ފުރުސަތަކާއި، މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ 13 ފުރުސަތަކާއި އަދި ބެޗްލާސް ޑިގްރީއަށް ކިޔެވުމުގެ 6 ފުރުސަތެކެވެ.
މި ފުރުސަތުތަކަށް ކުރިމަތިލާއިރު ހަމަވާންޖެހޭ ޝަރުތުތައް ހަޔާ އެޑިޔުކޭޝާންގެ ޢިއުލާންގައި ހިމަނާފައިވާއިރު، ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއެކު ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި، ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީއާއި، މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، މުއްދަތު ހަމަނުވެ މަދުވެގެން 18 މަސްދުވަސް އޮތް ޕާސްޕޯޓްގެ ކޮޕީއާއި، ކޯހާއި ގުޅޭގޮތުން ހުށަހަޅުއްވާ ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށް ދިނުމަށްޓަކައި، އެއާގުޅޭ ލިޔުންތައް ހުށަހަޅަން ޖެހެއެވެ. އަދި މިނޫންވެސް ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި އެ ޢިއުލާންގައި ބަޔާންކޮށްފަވެއެވެ.
މި ސްކޮލަރޝިޕްގެ ދަށުން މާސްޓަރސް ޑިގްރީއަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން މެރިޓް އުސޫލުން އެންމެ މަތިން ޕޮއިންޓް ލިބޭ އެއް ދަރިވަރެއްގެ ޓިއުޝަން ފީ 100% ހިލޭ ހަމަޖެހިފައިވާއިރު، މި ސްކޮލަރޝިޕް ފުރުސަތުތަކައް ހޮވޭ 20 ދަރިވަރުންގެ ޓިއުޝަން ފީ 25% ހިލޭ ލިބޭނެކަމަށް ހަޔާ އެޑިޔުކޭޝަނުން ބުނެއެވެ.
މި ކޯސްތަކަށް ހޮވޭ ދަރިވަރުންގެ ރެޖިސްޓްރޭޝަންފީ، ޓްރާންސްޕޯޓް ފަދަ އިތުރު ޚަރަދުތައް ހަމަޖައްސަން ޖެހެނީ ދަރިވަރު އަމިއްލަ އަށެވެ. އަދި ސްކޮލާޝިޕް އާއި ގުޅޭ އިތުރު މަޢުލޫމާތު އެކަމަށް ޚާއްސަ ކުރެވިފައިވާ ލިންކް މެދުވެރިކޮށް ލިބޭނެ ކަމަށް ހަޔާ އެޑިޔުކޭޝަނުން ބުނެއެވެ.
މި ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 16 އޯގަސްޓް 2022 ވާ އަންގާރަ ދުވަހު 12:30 އެވެ. އެޕްލިކޭޝަން ހުށަހަޅަންޖެހެނީ ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!