ރާއްޖޭގައި ޖެހިލުމެއްނެތި ބޮޑެތި ކުށްތަކަށް އަރައިގަތުން އާންމުވެފައިވާއިރު، އެކަން ހުއްޓުވައި މުޖުތަމައު އަމާންކުރުމަށް އޮތް ހައްލަކީ އިސްލާމީ ޝަރީޢަތް ޤާއިމުކުރުން ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ޝިޔާމް މިހެން ވިދާޅުވީ، މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

Ad
rt

ރާއްޖޭގައި މިފަހުން ވަނީ ސިހުން ގެނުވި ބޮޑު ދެ މައްސަލައެއް ފެންމަތިވެފައެވެ. އެއް މައްސަލައަކީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އެމްޑީ އަލަމްގިރް 250 އަށްވުރެ ގިނަ ދިވެހިންނާ އެއްޖިއްސުންގުޅުން ހިންގި މައްސަލައެވެ. މި މައްސަލައާއިގުޅޭ ވީޑިއޯތައް ފުލުފުލުގައި ލީކުވަމުން ދަނިކޮށް ފެންމަތިވީ ވަރަށް ރަޙްމުކުޑަގޮތަކަށް ދިވެހި ޒުވާން އަންހެނެއް މަރާލި މައްސަލައެވެ.

މިފަދަ ބޮޑެތި ކުށްތައް މުޖުތަމައުގައި ހިނގަމުންދާއިރު، މެންބަރު ޝިޔާމް މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ބޮޑެތިކުށްތައް އާއްމުވަނީ ޤާނޫނު ނެތިގެން ޤާނޫނު ހަރުކަށި ނުވެގެނެއްނޫން ކަމަށެވެ.

''ނެތީ ވެރިންގެ އިޚުލާސްތެރިކަން. ތަޙުޤީގީ އިދާރާތަކުން ފެށިގެން މުޅިނިޒާމުވަނީ ކޮރަޕްޓުވެފައި. ހޯދާ ހެއްކާ، ހެކި ހޯދާގޮތާ ޗެއިން އޮފް ކަސްޓަޑީ ދުވަހަކު ފުރިހަމަނުވޭ.'' ޝިޔާމް ވިދާޅުވެފަވެއެވެ.

ދެން އޭނާ ވިދާޅުވެފައި ވަނީ މިކަންކަމުގެ ހައްލަކީ ރާއްޖޭގައި އިސްލާމީ ޝަރީޢަތް ޤާއިމުކުރުން ކަމަށެވެ.

ރާއްޖެއަކީ އާބާދީގެ ނިސްބަތުން މީހުން މެރުންފަދަ ބޮޑެތި ޖަރީމާތައް ހިނގަމުންދާ ޤައުމެކެވެ. އަދި ނިޒާމީ ތާށިތަކުގެ ސަބަބުން އެފަދަ މައްސަލަތަކަށް އިންސާފު ނުލިބިވެސް އެތައް ދުވަހެއް ހޭދަވެފަވެއެވެ.