މި މަހުގެ ފަހުކޮޅު ވަޓްސް އެޕްއަށް ތައާރަފް ކުރަން ނިންމާފައިވާ ޕްރައިވެސީ ފީޗާސްތައް އިޢުލާންކޮށްފި އެވެ.
މިއަދު އިޢުލާންކުރި މުހިންމު ބައެއް ޕްރައިވެސީ ފީޗާސްތަކުގެ ތެރޭގައި ދާދި ފަހުން ބީޓާގައި ޓެސްޓުކުރި އޮންލައިން ސްޓޭޓަސް ބްލޮކިން އޮޕްޝަން ވެސް ހިމެނެއެވެ.
އާ "އޮންލައިން ޕްރެޒެންސް ކޮންޓްރޯލް" ފީޗާގެ ސަބަބުން އޮފްލައިން ކަމަށް ފެންނަ ގޮތަށް މެސެޖުތައް ފޮނުވޭނެ އެވެ. އެއީ ވަކި ކޮންޓެކްޓްތަކުން "އެންމެ ފަހުން ފެނުނު" ސްޓޭޓަސް ފޮރުވުމުގެ ގާބިލްކަމަށް ވުރެ އިތުރު ޕްރައިވެސީއެއް ލިބިގެންދާ ކަމެއް ކަމަށް އެކުންފުނިން ބުނެއެވެ.
އޮންލައިން ސްޓޭޓަސް ބަލާލެވޭނީ ކޮން ކޮންޓެކްޓްތަކެއްތޯއާއި ނުފެންނާނެ ކޮންޓެކްޓްތަކެއްތޯ ސެޓިން އިން ސެޓްކުރެވޭނެ އެވެ.
މީގެ އިތުރުން އެއްފަހަރު ބަލާލުމަށްފަހު ގެއްލިގެންދާ މެސެޖުތައް އެއްފަހަރު ވިއު ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ. އެއީ ސްކްރީންޝޮޓް ބްލޮކް ކުރަން ގެނެވުނު ރަނގަޅު ޕްރައިވެސީއެއް ކަމަށް ބުނެއެވެ. މިދިޔަ އަހަރު އެ މެސެޖުތައް ތައާރަފްކުރިއިރު މެޓާ އިން ބުނީ އަދިވެސް ސަމާލުވާން ޖެހޭ ކަމަށާއި އެއީ މީހަކު ސްކްރީންޝޮޓް ކުރިޔަސް ނޭނގޭނެ ކަމަށެވެ. މިފަދަ ސްކްރީންޝޮޓްތައް ބްލޮކް ކުރެވޭނެ އާ ފީޗާއެއް މިހާރު ޓެސްޓް ކުރަމުން ދިޔަ ނަމަވެސް އެ ކުންފުނިން އުންމީދު ކުރަނީ "އަވަހަށް" ހުރިހާ ޔޫޒަރުންނަށް ވެސް އެ ފީޗާ ފޯރުކޮށްދޭނެ ކަމަށެވެ.
އެންމެ ފަހުގެ ފީޗާއަކީ ގުރޫޕުން ނިކުންނައިރު ގުރޫޕުގައި ތިބި އެންމެނަށް ނޯޓިފިކޭޝަން ނުދާނެހެން ގެނެވުނު އަޕްޑޭޓެކެވެ. ސިއްރު ސިއްރުން ގުރޫޕުން ނިކުމެއްޖެނަމަ އަޕްޑޭޓްއަށްފަހު އިންގޭނީ ގުރޫޕުގެ އެޑްމިންގެ ގޮތުގައި ތިިބި ބަޔަކަށް އެކަންޏެވެ.
މެޓާގެ ސީއީއޯ މާކް ޒުކަބާގް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އެކުންފުނީގެ އަމާޒަކީ ވަޓްސްއެޕްއަކީ ފޭސް ޓު ފޭސް ވާހަކަ ދެއްކުންހައި ޕްރައިވެޓް އަދި ސެކިއުރިޓީ ވަރުގަދަ އެޕަކަށް ހެދުންކަމަށެވެ.
އަލަށް ތަޢާރަފްކުރި މި ފީޗާ ޑެސްކްޓޮޕް އަދި މޯބައިލް ހުރިހާ ޔޫޒަރުންނަށް ވެސް، މި މަހުގެ ފަހުކޮޅު ލިބިގެން ދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!