ވަޒީފާދޭ ފަރާތްތަކާއި ވަޒީފާއަދާކުރާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށް ދިނުމަށް މައްސަލަތައް ބަލައި އަވަސް ފިޔަވަޅު އެޅޭނެ ނިޒާމެއް އަތޮޅު ފެންވަރުގައި ގާއިމްކުރުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީ (އެލް.އާރް.އޭ) ގޮތްޕެއް ނޫނު އަތޮޅުގައި ހުޅުވުމަށް ނިންމައިފި އެވެ.
އެލް.އާރް.އޭ ގޮތްޕެއް އެއަތޮޅުގައި ގާއިމްކޮށް އެއޮތޯރިޓީ މުވައްޒަފުން އެއަތޮޅުގައި ބައިތިއްބާ ހިދުމަތް ދިނުމުގެ މަސައްކަތް ކުރުަމަށް ނ އަތޮޅު ކައުންސިލުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިއްޔެ އެވެ.
އެކައުންސިލްގެ އިދާރާގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އަތޮޅު ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު އެވެ. އަދި ލޭބާ ރިލޭޝަން އޮތޯރިޓީގެ ފަރާތުން ސޮއި ކުރެއްވީ އެ އޮތޯރިޓީގެ ޑިރެކްޓަރ، އަހްމަދު މިޒްހަތް ނައީމް އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު ވިދާޅުވީ، އެލްއާރްއޭ އަކީ ވަޒީފާއާއި ބެހޭ ގާނޫނުގައިވާ ކަންތައްތަކާއި، ބިދޭސީން ގެންގުޅެމުންދާ ގޮތާއި، މުވައްޒަފުންގެ މުސާރަ މިނިމަމް ވޭޖް ގަވާއިދަށް ފެތޭތޯ ބަލައި މުވައްޒަފުންނާއި ގުޅުންހުރި ކަންކަން ބެލުމަށް ހުންނަ އިދާރާއެއް ކަމަށާއި، މި އިދާރާ އަތޮޅުތެރެއަށް ތައާރަފްވުމުން އަތޮޅުތެރޭގައި ހުރި މިފަދަ މައްސަލަތައް ހައްލުކުރެވިގެން ދާނެ ކަމަށެވެ.
"ނޫނު އަތޮޅުގައި ގާއިމްކުރެވޭ އެލް.އާރް.އޭ ޔުނިޓްގެ ހިދުމަތް ވަރުގަދަކުރެވި، ރަށު ކައުންސިލްތަކާއިއެކުވެސް ޔުނިޓުން ކުރަމުންދާ މަސައްކަތްތައް ގުޅި ލާމެހި، އަތޮޅުތެރޭގައި ގަވާއިދާއި ހިލާފަ މަސައްކަތް ކުރަމުންދާ ބިދޭސީންވެސް ގަވާއިދުގެ ތެރެއަށް ގެނެވޭނެ ގޮތެއް ކައުންސިލްތަކާއި ގުޅިގެން ކުރެވިދާނެ"
ބަސީރު ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިޒްހަތް ވިދާޅުވީ، މިއީ އެލް.އާރް.އޭގެ ފަރާތުން ރައްޔިތުންނާއި ގާތުން މަސައްކަތް ކުރުމަށް އެޅޭ މުހިންމު ފާލެއް ކަމަށެވެ. އަދި އެލްއާރްއޭގެ އޮފިސަރުން ނޫނު އަތޮޅުގައި ގާއިމްވެތިބެ މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖައްސަން ނިންމާފައިވަނީ އަތޮޅުގައި ލަގްޒަރީ ފެންވަރުގެ ރިސޯޓުތައް ގިނަވުމާއެކު، މުވައްޒަފުންގެ މައްސަލަތައް ގިނަވާނެ ކަމަށް ބަލާފައިކަމަށް ވިދާޅުވިއެވެ.
ނޫނު އަތޮޅުގައި އެލް.އާރް.އޭގެ ޑެސްކެއް ގާއިމްކުރުމަށް އެއްބަސްވެފައިވާއިރު، މި އެއްބަސްވުމުގެ ދަށުން މުވައްޒަފުން ނެގުމަށް އިއުލާން ކުރުމާއި، މުވައްޒަފުން ނެގުމުގެ އެންމެހާ ކަންތައްތައް ކުރާނީ އެލް.އާރް.އޭ އިން ކަމަށް އެއްބަސްވުމުގައި ހިމަނާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!