ރާއްޖޭގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އެޅޭނެ މުހިންމު އިސްލާހީ ފިޔަވަޅުތަކެއްގެ ގޮތުގައި އިންކަމް ޓެކްސް ނަގަން ފަށާ މިންގަނޑު ދަށްކޮށް، އާންމު ޖީއެސްޓީ އަދި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ރޭޓް މަތިކޮށްގެން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ވޯލްޑް ބޭންކުން ވެސް ރާއްޖެއަށް ލަފާ ދީފި އެވެ.

ވޯލްޑް ބޭންކުން މިގޮތައް ލަފާ ދީފައިވަނީ، މިއަދު ނެރުނު މޯލްޑިވްސް ޕަބްލިކް އެކްސްޕެންޑިޗާ ރިވިއު (ޕީއީއާރު) ރިޕޯޓުގައެވެ.

Ad
rt

ވޯލްޑް ބޭންކުން ބުނީ ރާއްޖޭގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް ހާއްސަކޮށް ރާއްޖޭގެ އެތެރޭގެ ވަސީލަތްތައް މެދުވެރިކޮށް އިތުރުކުރުން މުހިންމު ކަމަށެވެ. އަދި ދައުލަތުގެ ދަރަންޏާއި ގެރެންޓީތައް މިހާރަށް ވުރެ ރަނގަޅަށް މެނޭޖްކުރުމަށް ގެންނަން ޖެހޭ އިސްލާހުތައް ވެސް ޕީއީއާރު ރިޕޯޓުން ދެނެގަނެވިފައިވާކަމަށް ބުންޏެވެ. އޭގެ ތެރޭގައި، ދައުލަތުން ދީފައިވާ ގެރެންޓީތައް ހިމެނުމަށްޓަކައި ދައުލަތުގެ މާލިއްޔަތަށް ޒިންމާވުމުގެ ގާނޫނު އިސްލާހު ކުރުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސަބަބުން ކުރިމަތިވާ މާލީ ގޮންޖެހުންތައް މިހާރަށް ވުރެ ހަރުދަނާކޮށް މޮނިޓާ ކުރުން ހިމެނެ އެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް އޭގެ ކުރިން ދުވަހަކު ވެސް ކުރިމަތި ނުވާ ވަރުގެ ބޮޑު ލޮޅުމެއް އެރުމަށް ފަހު ރާއްޖޭގެ އިގްތިސާދު މިހާރު ވަނީ އަނބުރާ އިއާދަވުމުގެ މަގުމަތީގައި ކަމަށާއި ދައުލަތުގެ ހަރަދުތައް މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ކުރުމަށާއި، ދަރަނި މެނޭޖުކޮށް އަދި ދެ ފުށް ފެންނަ ގޮތެއްގައި ދަރަނީގެ ކަންކަން ބެލެހެއްޓުމުގެ އިތުރަށް، ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމަށް އާމްދަނީ އިތުރުކުރުމަށްޓަކައި މުހިންމު އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށްވެސް އެރިޕޯޓުގައި ބުނެފައިވެއެވެ.

"ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ދައުލަތުގެ ހަރަދުތަކާއި ދަރަނި ބޮޑުވުމުގެ ބޮޑު ބައެއް ހިއްސާކޮށްފައި ވަނީ އަސާސީ ހިދުމަތްތަކާއި އުމްރާނީ ތަރައްގީގެ ވަސީލަތްތައް، ހާއްސަކޮށް ބޯހިޔާވަހިކަމަށް، އިންވެސްޓްކުރުމަށެވެ. އެކަމަކު މި އިންވެސްޓްމަންޓްތަކުގެ ސަބަބުން ދިގު ރާސްތާގައި ރާއްޖޭގެ ތަރައްގީއަށް ފައިދާކުރި ނަމަވެސް، ދައުލަތުގެ ހަރަދުތައް މިހާރަށް ވުރެ ހަރުދަނާ، ދެފުށް ފެންނަ އަދި އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރެވޭ އިންވެސްޓްމަންޓްތަކަށް ހެދުމަކީ، ދައުލަތުގެ ހަރަދުތަކާއި ދަރަނި އިންތިހާއަށް އަވަސްމިނެއްގައި މަތިވިޔަ ނުދީ ހިފެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ."

އެރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މިފަދަ އިސްލާހީ ބަދަލުތަކަކީ، ދުނިޔޭގެ އިގްތިސާދަށް އަންނަ ހީނަރުކަމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގުދުރަތީ ކާރިސާތައް ފަދަ ބޭރުގެ ލޮޅުންތަކަށް ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑަށް ހުށަހެޅިފައިވާތީ، ވަރަށް މުހިންމު އިސްލާހުތަކެއްކަމުގައި ފާހަގަކޮށްފައިވެއެވެ.

"ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި، ސަރުކާރުން މިހާރު ވެސް ވަނީ ވަރަށް ގިނަ އިސްލާހީ ބަދަލުތަކެއް ގެނައުމަށް ރާވާފައި. އޭގެ ތެރޭގައި، ޖީއެސްޓީ ރޭޓް ބޮޑުކުރުމާއި، ދައުލަތުގެ މުވައްޒަފުންގެ އުޖޫރަ އާއި ޕެންޝަން އެންމެ އިންސާފުވެރި ގޮތެއްގައި ދިނުމާއި، ދަރަނީގެ ގާނޫނެއް ހެދުމާއި ދައުލަތުގެ މާލިއްޔަތަށް ޒިންމާވުމުގެ ގާނޫނު އިސްލާހު ކުރުން ހިމެނޭ،"

ވާލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވި އެވެ.

މީގެ އިތުރުން ފާރިސް ވިދާޅުވ، ީޖީއެސްޓީއަށް ގެންނަން ދާދި ފަހުން ހުށަހެޅި ބަދަލުތަކަށް ވާލްޑް ބޭންކުން މަރުހަބާ ކިޔާކަމަށެވެ. ދިވެހި ހުރިހާ ރައްޔިތުންނަށް މިހާރަށް ވުރެ ހަރުދަނާ އަދި ފާގަތި މުސްތަގްބަލެއް ހޯދައިދިނުމަށްޓަކައި މި އިސްލާހުތައް ތަންފީޒުކުރުމަށާއި، އިތުރު އިސްލާހުތައް ތަންފީޒުކުރުމަށް ސަރުކާރަށް އެއްބާރުލުން ދިނުމަށް ވާލްޑް ބޭންކުން އޮތީ ތައްޔާރަށްކަމުގައިވެސް ފާރިސް ވިދާޅުވެފައިވެއެވެ.

ޕަބްލިކް އެކްސްޕެންޑިޗަ ރިވިއު އަކީ، ވާލްޑް ބޭންކުގެ މައިގަނޑު އެނަލިޓިކަލް ޕްރޮޑަކްޓެކެވެ. މީގެ މައިގަނޑު ބޭނުމަކީ، ސަރުކާރުގެ ހަރަދުތަކުގެ ފެންވަރު ވަޒަންކޮށް، ގައުމުތަކުން ރަނގަޅު ކުރިއެރުމާއި ތަރައްގީގެ ނަތީޖާތައް ހާސިލުކުރުމަށްޓަކައި ކޮންމެހެން ގެންނަންޖެހޭ މާލީ އިސްލާހުތައް ދެނެގަތުމެވެ. މިއީ 2002 ވަނަ އަހަރުގެ ފަހުން ރާއްޖެއަށް ހާއްސަކޮށް ޕީއާރު ރިޕޯޓެއް އެކުލަވާލި ފުރަތަމަ ފަހަރެވެ.