ފެނަކައިގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު ސައީދު އަކީ ހީވާގި އަދި ކުޅަދާނަ ހިންގުންތެރިއެއް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ޝަރީފު މިހެން ވިދާޅުވީ ސްޓެލްކޯ މުވައްޒަފުންނަށް ފްލެޓުތައް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. އެ ރަސްމިއްޔާތުގައި ޝަރީފުވަނީ ސައީދުއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ.
ޝަރީފު އާއި ސައީދުއަކީ ރާއްޖޭގައި ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ހަމައެކަނި ދެ ކުންފުންނީގެ އިސްދެ ބޭފުޅުންނެވެ. އެކަން ފާހަގަ ކުރައްވައި ޝަރީފު ވިދާޅުވީ ދެ ބޭފުޅުންނަކީވެސް ރާއްޖޭގެ ރައްޔިތުން އަލިކަމުގައި ބައިތިއްބަވާ ދެބޭފުޅުން ކަމަށެވެ. އަދި "ސްޓެލްކޯއާއި ފެނަކައަކީ ރާއްޖޭގެ ރައްޔިތުންގެ ނޫރު" ކަމުގައި އޭނާ ސިފަކުރެއްވިއެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް އަދާ ކުރައްވާފައިވާ ޝަރީފް ވިދާޅުވީ އެފަދަ ތަނެއް ހިންގުމުގައި ހުރި ގޮންޖެހުންތަކާއި ދަތިތައް އޭނާއަށް އެނގިލައްވާ ކަމަށެވެ. ނަމަވެސް ސައީދަކީ ފެނަކައިގައި ހުރި ގިނަ ގޮންޖެހުންތަކާ އެކު ވެސް ވަރަށް ހީވާގިކަމާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ، ވަރަށް ކުޅަދާނަ ބޭފުޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ގޮންޖެހުންތައް ހުރި ނަމަވެސް ހިދުމަތް ދިނުމުގައި ރައްޔިތުންނަށް އެކަމުގެ އިހުސާސް ވިޔަ ނުދިނުމަށް ފެނަކައިން 24 ގަޑިއިރު ކަރަންޓާއި އެހެނިހެން ޔުޓީލިޓީޒްގެ ހިދުމަތް ދިނުމަށް ކުރަމުން އަންނަ މަސައްކަތަށް ޝަރީފު ވަނީ ސައީދަށް ޝުކުރުއަދާކުރައްވާފައެވެ.
މީގެ އިތުރުން އެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ސައީދު ކުރައްވާ މަސައްކަތުން ފެނިގެންދަނީ އޭނާގެ ކުޅަދާނަކަން ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!