ހ. ޝީރީންވިލާގައި ރޭ އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ ފ. ނިލަންދޫ، ފިނިފެންމާގެ، އަލީ ޝާހިލް ހައްޔަރުކުރި އިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ރޭ ހިނގާދިޔަ މި ރަޙްމުކުޑަ ޢަމަލާއި ގުޅިގެން މައުލޫމާތު ހާމަކުރުމަށް ފުލުހުންގެ ޚިދުމަތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ އެ ހާދިސާ ހިނގި ކުށުގެެވެށިން އިން ޝިއާއު މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ހަތިޔާރުތަކެއް ފެނިފައިވާ ކަމަށެވެ. އަދިވެސް އިތުރަށް ސީން ބަލައި ހޯދަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާ ހިނގި ކަމުގެ ރިޕޯޓް ފުލުހުންނަށް އާންމު ފަރާތަކުން ހުށަހެޅީ ރޭ 23:18 ގައެވެ. މި ހާދިސާ ހިނގާފައި ވަނީ ހ. ޝީރީންވިލާގެ 9 ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގައެވެ.
ފުލުހުން ވިދާޅުވީ ޝާހިލް ހައްޔަރު ކުރި އިރުވެސް ހުރީ މަސްތުގެ ހާލަތުގަކަމަށެވެ. ނަމަވެސް އޭނާ އަކީ ހާދިސާއާއި ހަމައަށް ކުށުގެ ރެކޯޑް އޮތް މީހެއް ނޫނެވެ.
މި މައްސަލާގައި މިހާތަނަށް ތުހުމަތު ކުރެވެނީ ޝާހިލްއަށް އެކަނި ކަމަށާއި، ނަމަވެސް އޭނާ މިހާތަނަށް ކުށަށް ޢިއުތުރާފް ވެފައި ނުވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ޝިއާއު އާއި ޝާހިލްއަކީ ދެމަފިރިންކަމަށް ބައެއް ފަރާތްތަކުން މައުލޫމާތު ފަތުރާފައިވާތީ އެއީ ދެމަފިރިން ނޫންކަމަށް ވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވިދާޅުވިއެވެ.
މި މައްސަލާގައި ކުށުގެ ވެށިން ހައްޔަރުކުރި ޝާހިލްގެ ބަންދާމެދު ގޮތެއް ނިންމުމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ޢަމުރުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!