އދ. ދަނގެތީގައި މަރާލި މަހްމޫދު އަބޫބަކުރުގެ މައްސަލާގައި މަރަން ހުކުމްކޮށްފައިވާ ޝާހް އަލޮމް މިއާ (ސާލިމް) ގެ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމައިފި އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ފައިސާގެ ބޭނުމުގައި މަހްމޫދު މަރާލި މައްސަލާގައި ސާލިމް މެރުމަށް ހުކުމްކުރި މައްސަލަ ހައި ކޯޓަށް ހުށަހެޅީ ދައުލަތުންނެވެ. އެއީ ސާލިމްގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ނުކުރުމުން ގާނޫނުގައިވާ ގޮތުގެ މަތިން، އެ ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމަށެވެ.

Ad
rt

އެ މައްސަލަ ހައި ކޯޓުން ބަލައިނުގަތުމަށް މިދިޔަ ބުރާސްފަތި ދުވަހު ނިންމީ މުއްދަތު ހަމަވިފަހުން ދައުލަތުން އެ މައްސަލަ ހުށަހަޅާފައިވާތީ އެވެ. އެ ނިންމުން އަދިވެސް އިސްތިއުނާފް ކުރުމުގެ ފުރުސަތު ދައުލަތަށް އޮންނާނެ އެވެ.

މަރުގެ ހުކުމްތައް އިސްތިއުނާފް ނުކޮށް، ދައުލަތުން އެ ހުކުމުގެ ސައްހަކަން ކަށަވަރުކުރަން މަތީ ކޯޓުތަކަށް ހުށަހަޅަން ޖެހެ އެވެ. އެއީ އިސްތިއުނާފް މަރުހަލާ ނުނިމެނީސް، މަރުގެ ހުކުމް ތަންފީޒު ނުކުރެވޭތީ އެވެ.

ސާލިމަކީ ރާއްޖޭގައި މަރުގެ ހުކުމެއް އައި ފުރަތަމަ ބިދޭސީ މީހާ އެވެ. ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބެއް ތަންފީޒުކުރީ 1953 ވަނަ އަހަރު އެވެ.